05 އޮކްޓޯބަރ 2025 - 11:42
މުޖުތަމައުގައި ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް، ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
"ހިތުގެ ވިންދުން ދުޅަހެޔޮ މާދަމާއަކަށް" ނަމުގައި މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހިންގާ އެ ކެމްޕެއިންގެ ބޭނުމަކީ އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމަށް، މާލީ ހުރަސްތައް ނައްތާލުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
މި ކެމްޕެއިނުގެ ދަށުން، އެ ހޮސްޕިޓަލުގެ ހިތުގެ ބަލިތަކާ ގުޅޭ ޑޮކްޓަރަކަށް ދެއްކުމަށް ރަޖިސްޓަރީކުރާ ބަލިމީހުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭނެ އެވެ. އަދި ޑޮކްޓަރު ލަފާ ދީފި ނަމަ އެންޖިއޯގްރަފީ ޓެސްޓު ވެސް ހިލޭ ހެދޭނެ އެވެ. މި ކެމްޕޭން ކުރިއަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުން ކަމަށްވާ ޑރ. އަމިތް އަގަރުވާލް އާއި ޑރ. މޫސާ މަނިކު އަދި ޑރ. އަޒީޒް އަހުމަދުގެ ބެލުމުގެ ދަށުންނެވެ.
މި ކެމްޕެއިނުގެ ދަށުން ޑޮކްޓަރަށް ދައްކަން ރަޖިސްޓަރީ ކުރަން ޖެހޭނީ ގޫގުލް ފޯމެއް މެދުވެރިކޮށްވެ. ރަޖިސްޓަރީ ކުރުމުން، ޓްރީޓޮޕްގެ ކޯލް ސެންޓަރުން އެޕޮއިންޓްމަންޓް ކަށަވަރު ކުރަން ބަލިމީހާ އަށް ގުޅާނެ އެވެ. މި ކެމްޕެއިނުގެ ދަށުން ޑޮކްޓަރަށް ދައްކަން https://forms.gle/SrwxSsf2FmdDzcU2A މި ލިންކުން ގޫގުލް ފޯމް ފުރޭނެ އެވެ.
ކެމްޕެއިންގެ ދަށުން އެންޖިއޯގްރަފީ ހިލޭ ހެދޭއިރު، އެހެނިހެން ހުރިހާ ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނަގާނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ މާލީ ބުރައެއް ނެތި، ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ މަޝްވަރާ އަދި މުހިންމު މެޑިކަލް ޓެސްޓުތައް ހެދުމުގެ ފުރުސަތު އާއްމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މަސައްކަތް ކުރަނީ ހިތުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށް މީހުން ހިތްވަރުދިނުމަށް ކަމަށް އެހޮސްޕިޓަލުން ބުންޏެވެ. މިގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތި ޓެސްޓުތައް ފެށުމުގެ ފުރުސަތު ދޭނެ އެވެ. ކޮންސަލްޓޭޝަން އަދި އެންޖިއޯގްރަފީ ހިލޭ ހަދާއިރު، އެހެނިހެން ހުރިހާ ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނަގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy