ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ.
24 އޮކްޓޯބަރ 2025 - 20:44
ބޭރުގެ އެއާލައިންތަކުގެ ސޭލްސް އޭޖެންޓުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ 100 ޕަސެންޓު ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ އާންމުކުރި ގަވައިދުގައިވާ ގޮތުން، ޖެނެރަލް ސޭލްސް އޭޖެންޓު (ޖީއެސްއޭ) އާއި ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ) އާއި ޕެސެންޖާ ސޭލްސް އޭޖެންޓް (ޕީއެސްއޭ) އަށް ވެވޭނީ ދިވެހި ކުންފުނިތަކަށެވެ. އަދި އެ އޮތޯރިޓީން އެކަމުގެ ސެޓްފިކެޓް ދޭނީ އެކަން ބެލުމަށް ފަހުގައި ކަމަށް ވެސް ގަވައިދުގައިވެ އެވެ.
އާ ގަވައިދަށް އަމަލުކުރަން ފެށި އިރު، އޭގެ ކުރިން ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ ސެޓްފިކޭޝަން ހަމަވަންދެން އެ ފަރާތްތަކަށް ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ކަމަށް ވެސް އެ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވީ، މި ބަދަލު ގެނައީ އޭވިއޭޝަން ދާއިރާގައި ދިވެހި ކުންފުނިތަކަށް ފުރުސަތުތައް އިތުރުކޮށް، ބާރުވެރިކުރުވަން ކަމަށެވެ.
އާ ގަވައިދުގައިވާ ގޮތުން ސޭލްސް އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީވެ، ސެޓްފިކެޓް ލިބޭ ކުންފުނިތަކުން ރާއްޖޭގައި އެ ފަރާތްތަކުގެ އޮފީހެއް ވެސް ހުންނަން ޖެހޭނެ އެވެ. އަދި އިތުރު އޮފީހެއް ހުޅުވާ ނަމަ އެކަން އޭވިއޭޝަން އޮތޯރިޓީ އަށް އަންގައި އެޑްމިނިސްޓްރޭޝަން ފީއެއް ވެސް އެ އޮތޯރިޓީއަށް ދައްކަން ޖެހޭނެ އެވެ.
އޮފީހުގައި ވަކި ޝަތުރުތަކެއް ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެ އެވެ. އެ ޝަރުތައް ފުރިހަމަ ނުވާ ތަންތަނަށް އެ ކަންކަން ފުރިހަމަ ކުރުމަށް 15 ދުވަހުގެ މުއްދަތެއް އެ އޮތޯރިޓީން ދޭނެ އެވެ. އަދި އޮފީހުގެ އެޑްރެސް ބަދަލުވާ ހާލަތްތަކުގައި ވެސް އޭގެ މައުލޫމާތު ވެސް އޭވިއޭޝަން އޮތޯރިޓީއަށް ސޭލްސް އޭޖެންޓުން އަންގަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކުރެ އެވެ.
ސީއެސްއޭ އޮފީހެއް ހިންގާ ނަމަ އެތަނެއްގައި މަދުވެގެން 100 އަކަފޫޓު އަދި ޕީއެސްއޭ އޮފީހެއް ހިންގާ ނަމަ އެތަނެއްގައި 200 އަކަފޫޓު ހުންނަން ޖެހޭނެ އެވެ. އެ އޮފީސްތަކުގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި މަދުވެގެން ދެ މީހުން މަސައްކަތް ކުރަން ޖެހޭނެ އެވެ.
ސޭލްސް އޭޖެންޓަކަށް ވުމަށް ޕްރޮސެސިން ފީއެއްގެ ގޮތުގައި 125 ޑޮލަރު (1،928ރ.) ދައްކަން ޖެހެ އެވެ. އަދި އިތުރު އޮފީހެއް ހުޅުވާނަމަ އެކަމަށް 100 ޑޮލަރު (1،542ރ.) ދައްކަން ޖެހެ އެވެ. ސޭލްސް އޭޖެންޓުން އިތުރު އެއާލައިނަކަށް ހިދުމަތް ދޭ ނަމަ އެކަމުގެ ފީއެއްގެ ގޮތުގައި 75 ޑޮލަރު (1،157ރ.) ދައްކަން ޖެހެ އެވެ.
ސޭލްސް އޭޖެންޓުން ޕްރޮސެސިން ފީތަކުގެ އިތުރުން ކޮންމެ މަހަކު ހިންގާ ކޮންމެ އޮފީހަކަށް 100 ޑޮލަރު (1،542ރ.) ދައްކަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
27 October 2025
ރަނގަޅު ކަމެއް. ދެން ފެންނަނީ ކަނޑުމަގުން ގެންނަ ކާގޯ ކްލިއަރ ކުރުމުގެ މަސައްކަތްވެސް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭ ގޮތަށް ހެދުން. މިއީ މިހާރު ލަންކާ ކުންފުނިތައް ކޮންޓްރޯލް ކުރާ ދާއިރާއެއް. މީގެ އިތުރުން ސީކާރގޯ އޭޖެންޓް ކަންވެސް މެޖޯރިޓީ ދިވެހި އަދި 5 އަހަރު ފަހުން ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭގޮތް ހެދުން މުހިއްމު.
ކާގޯ
25 October 2025
ސީކާގޯ އެޖެންޓްކަން ވެސް މިގޮތަށް ހަދަންވީނު
ނޯ ސީސީޓީވީ
25 October 2025
މިއޮށްފަދަ މޯލްޑިވްސް 2.0 ގަ ކޮންމެހެން ފިޒިކަލް އޮފީހެއް ހުޅުވައިގެން މަސައްކަތްކުރަން ލާޒިމު ކުރުމަކީ ކިހާ ބޮޑު ޖޯކެއް! ބޭރުގައުމުތަކުގަ އެކަނިވެރިމައިން ގޭގައި ލެޕްޓޮޕް ބޭނުންކޮށްގެންވެސް އެއާލައިން ސޭލްސް އެޖެންސީ އަދި ޓްރެވެލް އެޖެންސީ އެބަ ހިންގާ!
އެކޮއި
25 October 2025
ޔާމީނުގެ ވެރިކަމުގައިވެސް ތިޔަކަހަލަ ކަމެއް ހިންގި. އެއްދުވަހުން 60ހާސް ވަޒީފާ ދިވެހީންނަށް ހަމަޖެހިގެންދިޔަ. އެއީ ފިހާރަތަކުގެ ކައުންޓަރުގައި ތިބެވޭނީ ހަމައެކަނި ދިވެހީންނަށްކަމަށްބުނެ، އެދުވަސްކޮޅު ކައުންޓަރުތަކުން ދިވެހިމޫނުތައް ގިނަވިނަމަވެސް ކައުންޓަރ ކޮންޓްރޯލްކުރަން ހުންނަނީ ކޮންމެވެސް ބިދޭސީއެއް ނުވަތަ ބަންގާޅީއެއް. މިފަހަރުވެސް މިލައްގާލަނީ ހަމައެކަހަލަ އެއްޗެއް. ފަހަރެއްގައި ދިވެއްސަކު ހުއްޓަސް ތަނުގެރިމޯޓް އޮންނާނީ ބިދޭސީމީހާގެމުށުގައި
ޖިބްރީލް އަމީން
25 October 2025
ގައުމުގެ އިޤްތިޞާދު ހަމަމަގަށް އަޅުވަން އުޅޭ ތަން މި ފެނިގެން ދާނީ. ދެން މި އުޅޭ ރީނދޫ ބައިގަނޑުގެ ލަގޮނޑިއަށް ކެތެއް ނުވާނެ މި ކަމެއް ވެސް.
އަފްރާސިޔާބު
25 October 2025
އެޖެންޓުންނަށް ދިވެހިކުންފުނިތައް ތިއްބަސް ލިބޭ ފައިސާ ދާނީ ފޮރިން އެޖެންޓުންނަށް. އެއީ ދިވެހިންގެ ނަމުގައި ބޭރުމީހުން ވިޔަފާރި ކުރާގޮތަކީ. ދެން އަމުރުކުރަން ހުންނާނީ ބޭރުމީހާ. ޖެނެރަލް މޭނޭޖަރެއްގެ ގޮތުގައި ނުވަތަ ކޮންމެވެސް އެހެން ނަމެއްގައި.
ސައިކަލް ޓެކްސީ
25 October 2025
އެއަޕޯރޓް ޓެކްސް ގެ ގޮތުގަި ފަސިންގަރުން އަތުން ނަގާ ފީ ދިވެހިންނަށް އަނބުރާ ލިބޭނެ ގޮތެއް ހޯދުން މުހިންމު. މިހާރު އެ ރިފަންޑު ކުރަން އޮންނާތީ އެ އެއް ނުލިބޭ. ދިވެހި ސޭލްސް އެޖެންޓުންނަށް މިއަށް ހާއްލު ހޯދޭނެބާ؟
ޢޮނަރަބަލް މުޑަހަނދި
25 October 2025
އޮފީސް ހިންގުމުގެ ޓެކުހުގެ ގޮތުގައި ގާނޫނެއްނެތި އެއްވެސް ފީއެއް ނުވަތަ ފައިސާއެއް ނެގުމަކީ ގާނޫނު އަސާސީ ހުއްދަކުރާކަމެއްނޫން.