ދިރާގަށް ލިބުނު "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަނާ ގުޅިގެން މިއަދު ބޭއްވި ހަފުލާ: އެ ސެޓިފިކޭޝަނަކީ އޭޝިއާގައި ވެސް ކޮމިއުނިކޭޝަން ހިދުމަތް ދޭ މަދު ކުންފުނިތަކަކަށް ލިބިފައިވަ ސެޓިފިކޭޝަނެއް --- ފޮޓޯ/ދިރާގު
19 ނޮވެމްބަރ 2025 - 16:25
ދިރާގަށް "ގްރޭޓް ޕްލޭސް ޓު ވޯކް" ގެ ސެޓިފިކޭޝަން ލިބިއްޖެ އެވެ.
"ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަން" އަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ. މިއީ "ޓްރަސްޓް އިންޑެކްސް ސާވޭ" މެދުވެރިކޮށް މުވައްޒަފުންގެ ފަރާތުން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓިފިކޭޝަނެކެވެ. އެ ސާވޭގައި މުވައްޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި އިހުތިރާމާއި ކުންފުންޏާ މެދު ފަހުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް ބަލާނެ އެވެ.
އެއީ ރާއްޖޭގެ މަދު ކުންފުންޏަކަށް ލިބިފައިވާ ސެޓިފިކޭޝަންއެކެވެ. އަދި އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރެއިން ވެސް އެ ސެޓިފިކޭޝަން ހާސިލު ކޮށްފައި ވަނީ މަދު ކުންފުންޏަކުންނެވެ.
އެ ކާމިޔާބީ ފާހަގަކުރުމަށް ދިރާގުގެ މުވައްޒަފުންނަށް ބޭއްވި ހަފުލާގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓްފިކެޓް ހާސިލް ކުރުމަކީ ދިރާގަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެ ކާމިޔާބީގެ ސިއްރަކީ ދިރާގުގައި މުވައްޒަފުންނަށް ފަހި މާހައުލެއް އޮތުން ކަމަށާއި މުވައްޒަފުންގެ އިހުސާސްތައް އަޑުއަހައި، މުވައްޒަފުން ކުރިއެރުވުމަށް އެ ކުންފުނިން ކުރާ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަކަން ހާމަވާކަން އެކަމުން ޔަގީންކޮށްދޭ ކަމަށް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޖުތަމައުއަށް އެންމެ ފުރިހަމައަށް ހިދުމަތްތައް ފޯރުކޮށް ދިނުމުގައި މުވައްޒަފުން ބާރުވެރި ކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް. މި ސެޓިފިކޭޝަނުން ދިރާގަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިތުރުން، މީހުން ބިނާ ކުރުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން މި ވަނީ ސާބިތުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.
ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އަޒްހާ ޒަމީރު ވިދާޅުވީ އެ ސެޓްފިކޭޝަނަކީ އެ ކުންފުނީގެ އެންމެންގެ މަސައްކަތުން ލިބިފައިވާ ކާމިޔާބީއެއް ކަމަށެވެ. އަދި ދިރާގަކީ މަސައްކަތުގެ ފުރިހަމަ ކަމަށް ކުރިއެރުން ލިބޭ އަދި މުވައްޒަފުންގެ ދުޅަހެޔޮ ކަމަށް އިސްކަންދޭ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.
"މި ކާމިޔާބީ ހާސިލު ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. އަދި އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް އެންމެން އެކުގައި މަސައްކަތް ކޮށްގެން އެންމެން ޝާމިލުކޮށްގެން، މުވައްޒަފުން ކުރިއެރުމަށް އިތުރު މަގުތައް ތަނަވަސްކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން،" އޭނާ ވިދާޅުވި އެވެ.
ދިރާގުން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި، މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނީގެ 99.9 ޕަސެންޓަކީ ދިވެހި މުވައްޒަފުން ކަމަށް ވާއިރު، އެއީ މަސައްކަތުގެ މައިދާނުގައި ދިވެހިން ކުރިއެރުވުމަށް އިސްކަންދޭ އަދި ލީޑާޝިޕް ޑިވެލޮޕްމަންޓާއި ވޯކް-ލައިފް ބެލެންސް އަށް އިސްކަންދީގެން އެހީތެރިކަން ދޭ މާހައުލެއް އޮތް ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުޅިއިސްމާލު
19 November 2025
މިފޮޓޯގަ ނުފެނޭ ދިރާގުގެ އިންޖިނޭރުންނެށް. ތިތާކަށް އެމީހުން ނުދަނީ ކަމުނިދާތީ.
ސުންބުލި
19 November 2025
ރާއްޖޭގެ ހުރިހާ އޮފީސްތަކަކީ ގުރޭޓް ޕްލޭސް ޓު ވޯކް ފޮރ ވިމެން... ދިވެހި ފިރިހެނުން މަގުމަތީ... ނުވަތަ ސިޔާސީ ގުލާމުނަށް..
ކައުންސެލަރު....
19 November 2025
ފިރިހެނުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެގޮތެއް ހަމަ ނޯންނާނެދޯ؟؟