ބޮޑު ލާރިއެއް ވެސް ދައްކާކަށް ނޯންނާނެ، އެއީ ރާވައިގެން ކުޅޭ ޑްރާމާއެއް: ގާސިމް

ދައުލަތަށް ދައްކަވަން ޖެހޭ އެންމެ ބޮޑު ލާރިއެއް ވެސް ނޯންނާނެ ކަމަށާއި އޭނާގެ ވިޔަފާރި އާއި އެ ވިޔަފާރީގެ މަސްލަހަތާ ގުޅިފައިވާ މުވައްޒަފުންނަށް ބޭއިންސާފުން އަނިޔާ ދެމުން ދަނީ ޒާތީ ހަސަދައާ ހެދި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކީރިތިކުރައްވައިފި އެވެ.


ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ވިލާޝިޕިންއާ ގުޅޭގޮތުން ތަފާތު އެކި މައްސަލަތައް ދައުލަތުގެ އެކި މުއައްސަސާތަކުން ހިންގަމުންދާ ކަމަށެވެ. ގާތްގަނޑަކަށް 5،000 މުވައްޒަފުން އުޅޭ އޭނާގެ ކުންފުންޏަކީ އިގްތިސާދީ ގޮތުންނާއި އުމްރާނީ އަދި އިޖުތިމާއީ ދާއިރާގައި ވެސް އެތައް ރައްޔިތުންނެއްގެ ހައްގުތަކަކާ ގުޅޭ މަސައްކަތްތަކެއް ކުރާ ތަނެއް ކަމަށް ވިދާޅުވި އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ލިމިޓެޑާ މެދު ބޭއިންސާފުން ފިޔަވަޅު އަޅަމުންދާއިރު، އެއިން ކޮންމެ ކަމަކުން އެތައް ރައްޔިތުންނަކަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދެއްކެވީ ވަރަށް އަސަރާ އެކުގަ އެވެ.

އެ ކުންފުނިން ދައުލަތަށް ފައިސާ ދައްކަން ޖެހޭ ކަމަށް ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ މާކުރިން ރާވައިގެން ސަރުކާރުން ކުޅެމުންދާ ޑްރާމާއެއް ކަމަށް ވިދާޅުވި އެވެ. އެއީ އުފައްދައިގެން ވިލާ ޝިޕިން އަށް ކުރިމަތިކޮށްގެން އުޅޭ މައްސަލަތަކެއް ކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، ވިލާ ޝިޕިންގެ ކޮމްޕެނީ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ކ-3) އަދި ގާނޫނީ ވަކީލުން ގާސިމްގެ ފަހަތުގައި މަޑުކޮށްލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑަކީ އަބަދުވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ ބަރާބަރަށް އަދާކުރާ މީހެއް. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނަށާއި އަޅުގަނޑު އެއްބަސްވާ އެއްބަސްވުންތަކަށް އަބަދުވެސް ވަރަށް އިހްލާސްތެރިކަމާ އެކު ކިޔަމަންތެރިކަން އަދާކޮށްގެން މަސައްކަތް ކުރާ މީހެއް،" ގާސިމް ވިދާޅުވި އެވެ.

"އަބަދުވެސް އިސްކަންދެނީ ދައުލަތަށް ދައްކަން ޖެހޭ އެއްޗެއް އޮތް ނަމަ އޅުގަނޑުގެ މިލްކިއްޔާތުގެ ތެރެއިން އެ އެއްޗެއް ދައްކާ ނިންމަން. އެ އުސޫލުން ވަރަށް ސާބިތުކަމާ އެކު ދަންނަވަން ދައުލަތަށް ދައްކަން ޖެހޭ އެންމެ ބޮޑު ލާރިއެއް ވެސް ނޯންނާނެ މިއަދާ ހަމައަށް."

ގާސިމް ވިދާޅުވި ގޮތުގައި ހަގީގަތް އޮޅުވާލައި އޭނާ އާއި އޭނާގެ ވިޔަފާރީގެ މަސްލަހަތު އޮތް އެތައް ބަޔަކަށް ދަނީ ނުހައްގު އެތައް އަނިޔާތަކެއް ލިބެމުންނެވެ. ތ. އަތޮޅު އެލާގެ މައްސަލާގާއި ވިލާޝިޕިންގެ އެކައުންޓްތައް އަނެއްކާވެސް ފްރީޒްކޮށް، 18.6 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ މަރުހަލާ އަކުން ނިމި، ތިން ވަނަ މަރުހަލާ އަށް ދާން ފުރުސަތު ނުދީ، 18.6 މިލިއަން ޑޮލަރު ނަގަން ސަރުކާރުން އުޅުމަކީ ވިޔަފާރި އަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

"އިމްޕްލިމެންޓޭޝަނަށް ގޮސް ކުންފުނީގެ މުދާތައް ވިއްކަން ޖެހޭނީ ނުވަތަ އިފްލާސްކުރުމާ ހަމައަށް ދާން ޖެހޭނީ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަވުމުން. އެހެން ނޫނީ އެއީ އިންސާފުން ބޭރު، ނުވަތަ އަޅުގަނޑަކަށް ނޭނގެ އެއަށް ކިޔާނެ އެއްޗެއް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އަތޮޅު އެލާ މައްސަލާގައި އެއްވެސް ފައިސާއެއް ދައުލަތަށް ދައްކާކަށް ނޯންނާނެ އެވެ. އެލާގެ އެއްބަސްވުން އެކުލަވާލާފައި އޮތް ގޮތުން ޑިސެމްބަރު 2018 ގެ ކުރިން އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެ ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާލަތު ކުރިމަތި ކުރުމުން ހިތާމަކުރައްވާ ކަމަށާއި ސަބަބަކީ އޭނާ މުސާރަ ދޭން ޖެހޭ އެތައް މުވައްޒަފުންނަށް މުސާރަ ނުދެވުމާއި ތަންތަނުގެ ކުއްޔާއި ބޭންކްތަކަށް އަދާކުރަން ޖެހޭ ލޯނު ދައްކަން ވަަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައި ވުމުން ކަމަށެވެ. މިއަދާ ހަމައަށް އެކަން ތަހައްމަލްކު ރަމުން ދިޔައަސް އެ ފައިސާ ހޯދަން ތަންފީޒީ މަރުހަލާ އަށް ސަރުކާރުން ދިއުމަކީ އެތައް

"ތ. އެލާގެ ކުއްޔާއި އެޑްވާންސްގެ ގޮތުގައި މިހާރު ވެސް އަޅުގަނޑުމެން ވާނީ 4.6 މިލިއަން ޑޮލަރު ދައްކާފައި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެލާގައި މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވި އޮތީ 2014 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކުޅެމުން އައި "ސަކަރާތައި މަޖާގަނޑާ" ހެދި ކަމަށް ވިދާޅުވި އެވެ. އެއާއެކު ގދ. ގަޒީރާ އާއި މާނިޔަފުށި އަދި ކައްދޫ އެއާޕޯޓުގައި ސިޓީ ހޮޓާ އެޅުމުގެ ބަދަލުގައި ދިން ފަޅުގެ މަސައްކަތް ވެސް ކުރިއަށް ނުދިޔައީ ސަރުކާރާ ހެދި ކަމަށް ވިދާޅުވި އެވެ.

ދައުލަތަށް ދައްކަން ޖެހޭ ފައިސާ އޮތް ކަމަށް ތުހުމަތުކުރާއިރު އެންމެ ރަނގަޅަށް ދައުލަތަށް ޓެކްސް ދައްކާތީ ދައުލަތުގެ ރަންލާރި ދީފައިވާ ކަމަށެވެ. ޖެހިގެން އައި އަހަރު 92 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބުނުމަކީ "ޖޯކެއް" ކަމަށް ގާސިމް ވިދާޅުވި އެވެ.

"ފުލުހުން ވިއަސް ކޯޓުތައް ވިއަސް އެހެން މުއައްސަސާތައް ވިއަސް ގަބޫލުކުރައްވާނެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ރަންލާރި ދެއްވާފައި އޭގެ ދެ މަސް ދުވަސް ފަހުން 92 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބުނުމަކީ އެއް ދުވަހަކުން ވާނެ ކަމެއް ނޫން. އެ ހާލަތު އެހެން އޮއްވައި ރަންލާރި ދެއްވާނެ ކަމަށް ގަބޫލުފުޅުކުރައްވަނީ ކޮން ބޭފުޅެއްތޯ؟ ކޮން ރައްޔިތެއްތޯ؟،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު ވަނީ އޭނާގެ އަނބިދަރިންނާއި އޭނާގެ ކުންފުނީގެ މުވައްޒަފުންނަށް ވަސިއްޔަތް ވެސް ކުރައްވައިފަ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަން ކީރިތި ގުރުއާނުގައި މާތްﷲ ވަހީކުރައްވާފައިފައި ވެ އެވެ. އެހެންވެ ހައްގަށް ނަސްރު ލިބޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަނބިދަރިންނަށް، އަޅުގަނޑުގެ މުވައްޒަފުންނަށް އަޅުގަނޑު ދޭ ނަސޭހަތަކީ ކެތްތެރިވާށޭ. ގާނޫނީ އިމުން ބޭރަށް ވަޑައިނުގަންނަވާށޭ. މާތްﷲ އެޅުއްވި ކޮންމެ ފުރާނައަކަށް ވެސް މަގުދައްކަވާނެ. ރިޒުގު ވެސް ތަނަވަސްކޮށްދެއްވާނެ އަދި އެހެން ކަންކަން ވެސް މިންވަރު ކުރައްވާނެ. އެއްވެސް މީހަކަށް މާތްﷲ އަނިޔާވެވޮޑިނުގަންނަވާނެއޭ،" ގާސިމް ވިދާޅުވި އެވެ.