މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކަށް ރަޝިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާއިން 30،000 ޓޫރިސްޓުން އައިސްފައިވެ އެވެ. 

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަޝިއާއިން އައިސްފައިވަނީ 23،000 ޓޫރިސްޓުންނެވެ. އެހެންވެ، އެއީ 7،000 ޓޫރިސްޓުންގެ އިތުރުވުމެކެވެ. 

ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ވެސް، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމުގެ ތެރޭގައި ރަޝިއާ ހިމެނެ އެވެ. އަދި ޕީކް ސީޒަނުގައި އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ ވެސް އެއީ އެވެ. 

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން މިދިޔަ މަހު އައިސްފައިވަނީ 24،000 ޓޫރިސްޓުންނެވެ. އެއީ މިދިޔަ މަހު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 15،000 ޓޫރިސްޓުން ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ގައުމުން ގާތްގަނޑަކަށް 39،000 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

މިދިޔަ މަހު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިޓަލީއިންނެވެ. އެގައުމުން ވެސް ވަނީ 24،000 ޓޫރިސްޓުން ރާއްޖެއަށް އައިސްފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެސް އިޓަލީ އަކީ ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އެކަމަކު މިދިޔަ އަހަރަށް ވުރެ މި އަހަރު އެގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 2،000 އަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޔޫރަޕުންނެވެ. އަދި މިދިޔަ މަހަކީ ތާރީހުގައި ވެސް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. އެ މަހު ރާއްޖެއަށް ވަނީ 224،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 4.6 ޕަސެންޓު އިތުރު އަދަދެކެވެ.