ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ސީޒަން 2 ލޯންޗުކޮށްފި އެވެ. 

ޑީޖީޖީގެ ސީޒަން ލޯންޗް އިވެންޓްގައި މި އަހަރަށް ރާވާފައިވާ މުބާރާތްތަކާއި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އެ އިވެންޓުގައި އެކި ގޭމިން ހަރަކާތްތައް ކުރިއަށް ދިޔައިރު، 'ފެންފުޅި' ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށައެޅުންތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. 

އެ ހަރަކާތުގައި ޑީޖީޖީގެ "ލީޑާބޯޑްސް" ތައާރަފުކޮށް، މި އަހަރުގެ ތެރޭގައި "ގިލްޑް ފީޗާސް" ތައާރަފް ކުރާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވާދަވެރި ރޫހު އިތުރުވެގެންދާނެ އެވެ. ޑީޖީޖީއިން ބުނީ މިއަހަރު މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މުބާރާތްތައް ބޭއްވުމާއި ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. 

އެ ހަރަކާތުގައި ރާއްޖޭގެ އީ-ގޭމިން ދާއިރާ ވަރުގަދަ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޑީޖީޖީގެ ޕާޓްނަރުން އަގުވަޒަންކޮށް ހަނދާނީ ފިލާ ދިނެވެ. އޭގެ ތެރޭގައި ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސާ "މިނީސޯ" އާއި އެލީޓް ޕާޓްނަރުން ކަމަށްވާ ވިލާ މާޓާއި މެގަޗިޕް އަދި ޝީޝާ ހިމެނެ އެވެ. 

މިދިޔަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީއަށް ބޮޑެތި ކާމިޔާބީތަކެއް ލިބުނު އަހަރެއްގެ ގޮތުގައި ދިރާގުން ސިފަކުރެ އެވެ. މިދިޔަ އަހަރު ވަނީ 11,000 އަށް ވުރެ ގިނަ ގޭމަރުން އެ ޕްލެޓްފޯމުގައި ވަނީ ރަޖިސްޓްރީވެފަ އެވެ. އަދި ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި، ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000ރ. ވަނީ ދީފަ އެވެ. މީގެ އިތުރުން ގިވްއަވޭގެ ގޮތުގައި ޖުމްލަ 150,000ރ. އަގުހުރި އިނާމުތައް ވަނީ ދީފަ އެވެ.

މިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އޮގަސްޓް މަހު ބޭއްވި ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު އެއް ގޭމިން ހަރަކާތް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓެވެ. އެ ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ވާދަވެރި ގޭމިން މާހައުލެއް ބިނާކުރުމަށް ޑީޖީޖީއިން ކުރާ މަސައްކަތްތައް ކަމަަށް އެ ޕްލެޓްފޯމުން ބުންޏެވެ.