ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބޭއްވި ފޯރިގަދަ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" ވާދަވެރި މެޗުތަކަށް ފަހު، ކާމިޔާބުކަމާ އެކު ނިންމައިލައިފި އެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ޒީރޯ ޕޮއިންޓް ގޭމިން ކެފޭގައި މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ.

ޑީޖީޖީ އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބޭއްވި މި މުބާރާތުގައި 20 ޓީމު ބައިވެރިވެ ޖުމްލަ 80 ގޭމަރުން ވަނީ ބައިވެރިވެފަ އެވެ. އެ މުބާރާތުގައި ރާއްޖޭގައި އީސްޕޯޓަށް އޮތް މަގުބޫލުކަމާއި ތަރުހީބު ފެނިފައިވާ ކަމަށް ދިރާގުން ބުންޏެވެ. މުބާރާތުގެ ޕްރިމިއަމް ޕާޓްނަރަކީ މިނީސޯ އަދި އެލީޓް ޕާޓްނަރަކީ ވިލާ މާޓެވެ.

މުބާރާތުގައި ވާދަވެރި މެޗުތަކަކަށް ފަހު، އެއްވަނަ ހޯދީ "ދި ސްނީކީ ސްކުއިރެލްސް" އެވެ. މުބާރާތުގެ ދެވަނަ ހޯދީ "ޓޯފޫ މެގްނަމް ޕުޑިން" އަދި ތިންވަނަ އަށް ހޮވުނީ "ތްރީ ބްރެއިން ސެލްސް"އެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަތައް ހޯދި ޓީމުތަކަށް 10،000ރ. ގެ ޕްރައިޒް ޕޫލަކުން ވަނީ ފައިސާގެ އިނާމު ދީފަ އެވެ. 

ރޮކެޓް ލީގުގެ އިތުރުން، އެ އިވެންޓަށް ދިޔަ މީހުންނަށް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ރޭސިން ސިމިއުލޭޝަން، ވީއާރް ގޭމްސް، އެފްސީ 26 އަދި ޓެކެން ފަދަ ގޭމުތައް ހިމެނެ އެވެ.

އެއީ ގޭމް ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކާއި ރައްޓެހިންގެ އިތުރުން މުބާރާތް ބަލަން ޒިޔާރަތްކުރި ފަރާތްތަކަށް ވެސް ވަރަށް ފޯރިގަދަ އަދި މަޖާ އިވެންޓެއްގެ ގޮތުގައި ދިރާގުން ފާހަގަކުރި އެވެ. 

ދިރާގުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ ކުރިއަރުވަން މަސައްކަތް ކުރަމުންނެވެ.