ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަަހަރު ވައުދުވެވަޑައިގެންނެވި ގޮތަށް އއ. ތޮއްޑު އަށް ސީޕްލޭންގެ ދަތުރުތައް މިއަދު ފަށައިފި އެވެ. 

މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް އަޅައި، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ. 

ތޮއްޑު އަށް މޯލްޑިވިއަން އެއާލައިން ސީޕްލޭންގެ ދަތުރުތައް މިއަދު ފެށީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އަދި ތޮއްޑު އަށް އުފަން އާދަމް ނަސީރެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވިއަން އެއާލައިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް މެދުނުކެނޑި ތޮއްޑު އަށް ލިބޭނެ ކަމަށާއި ޑިމާންޑާ އެއްވަރަށް ދަތުރުތައް އިތުރު ކުރާނެ ކަމަށެވެ.

ތޮއްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ޑީއެމްޑީ އަލީ ސަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މޯލްޑިވިއަން
ތޮއްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ޑީއެމްޑީ އަލީ ސަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މޯލްޑިވިއަން

ގެސްޓް ހައުސް ވިޔަފާރި ވަރަށް ފުޅާކޮށް ކުރިއަރަމުން އަންނަ ތޮއްޑު އަށް މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ބާއްވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. ހާއްސަ ފެއާގެ ދަށުން މި ދުވަސްވަރު އެއްކޮޅު ޓިކެޓެއްގެ އަގަކީ 799ރ. ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ ޑީއެމްޑީ އަލީ ސަލީމް ވިދާޅުވީ، އެއާލައިނާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް މޯލްޑިވިއަނުން ފުއްދަމުން އަންނަ ކަމަށެވެ.

"އެއީ ސީއެމްބިއުލާންސްގެ ހިދުމަތް ކަމަށް ވިޔަސް އަދި މީހުން ދިރިއުޅޭ، ފަތުރުވެރިކަން އާލާވަމުން އަންނަ މަންޒިލްތަކަށް ދަތުރުކުރުން ކަމަށް ވިޔަސް އައްޑު އަތޮޅާއި ހުވަދުއަތޮޅާއި ފުވައްމުލަކާ ގުޅައިލުން ކަަމަށް ވިޔަސް އެ ހުރިހާ ވައުދެއް ރަނުންރަނަށް އިރާދަކުރެއްވިއްޔާ މޯލްޑިވިއަނުން، ރައީސްގެ މި ހުރިހާ ވައުދެއް މި އަންނަނީ ފުއްދަމުން،" އޭނާ ވިދާޅުވި އެވެ.