ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުން އިސްވެ އުފައްދާފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާޕާސަނަކަށް ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު މިއަދު އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

ޓޫރިޒަމް ދާއިރާގެ ރާއްޖޭގެ އެންމެ މަޝްހޫރު ކުންފުނި، ކްރައުންގެ ހިއްސާދާރު އަދި ޗެއާޕާސަން އަފީފު މީގެ ކުރިން ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމުގަ އެވެ.

މަޓީ އުފެދުނީއްސުރެ އެ ޖަމިއްޔާގެ ޗެއާޕާސަނަކީ ޔުނިވާސަލްގެ ޗެއާމަންގެ މަގާމު ފުރުއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

މަޓީގެ ފައުންޑިން މެންބަރު އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބާނީ އެމްޔޫ މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

މަޓީ އުފެދުނީ 1982 ވަނަ އަހަރު އެވެ. އެ ޖަމިއްޔާގެ އެންމެ ބޮޑު ބޭނުމަކީ ޓޫރިޒަމް ދާއިރާ ކުރިއަރުވައި، އެ ދާއިރާއިން ވިޔަފާރިތަކަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެއީ ޓޫރިޒަމް ދާއިރާގެ އެންމެ ދުވަސްވީ ޖަމިއްޔާ އެވެ.