އުރީދޫން ރޯދަ މަހަށް ހާއްސަކޮށް  ސުޕަ އެޕަށް ނެރެފައިވާ "ކަރާ ފަޅާ" ގޭމު ކުޅެގެން މިހާރު އަގު ހުރި އިނާމުތައް ހޯދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ކޮންމެ ދުވަހަކު ކުޅެގެން އިނާމު ހޯދޭ މި ގޭމުގައި މި އަހަރު ކުރިއަށް ދަނީ ދެ ޓީމަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކު ވެސް އެޕަށް ވަދެ، ކަރާ ފެޅުމުގެ ގޭމްގެ ބޭނާ ހިޔާރުކުރުމުން "ރަތް ލަޝްކަރު" ނުވަތަ "ނޫ ލަޝްކަރު"ގެ ތެރެއިން ބޭނުން ޓީމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. 

މި ގޭމުގައި ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނޭ އިނާމެއްގެ ގޮތުގައި ލިބޭނެ އެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ފަދަ އެކި ތަކެތި ހިމެނެއެވެ.

ރޯދަ މަސް ނިމުމުން މި ގޭމުން އެންމެ މޮޅު ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000ރ. ގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ އެވެ.

އުރީދޫން ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަކޮށް، އެކުންފުނީގެ އެޕު މެދުވެރިކޮށް މިފަދަ ތަފާތު ހަރަކާތްތައް ގެނެސްދެ އެވެ.