މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ލިބިއްޖެ އެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގަށް އެ ޝަރަފުވެރި އެވޯޑު ދިނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް 100 ޕަސެންޓު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީއަށެވެ.

އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެއީ ދިރާގަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެއީ އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އިސްމާއިލް ވިދާޅުވި ގޮތުގައި، ދިރާގު މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ހައި ސްޕީޑު އިންޓަނެޓުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަކީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ހިދުމަތްތައް ހޯދުމުގައި ދިރާގުގެ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 ޕަސެންޓު 4ޖީ ގެ ހިދުމަތް ދިރާގުން ފޯރުކޮށްދެ އެވެ.

އޭގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، ރާއްޖޭގެ އާބާދީގެ 73 ޕަސެންޓަށް މިހާރު ދިރާގުގެ 5ޖީ ހިދުމަތް ދެ އެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް'، 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް' އެވޯޑު Q1-Q2 2025 ވެސް ލިބިފަ އެވެ.