ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދިނުމަށް އުރީދޫން ފެށި ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ ހިބައިފި އެވެ.
އެ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވުނީ ނ. ހޮޅުދޫ، ހަސަން ނިޝާނެވެ. އޭނާއަށް އުރީދޫން އޭޓީއާރު ވަނީ ހަވާލުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި އެ ޕްރޮމޯޝަން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އަދި އެ ޕްރޮމޯޝަންގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް) އާއި ސުޕަނެޓާއި ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އެ ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400ރ. ހަރަދުކުރާ ކަސްޓަމަރުންނެވެ. އަދި އެ ކަސްޓަމަރަކީ ގުރުއަތު ނަގާ ތާރީހާ ހަމައަށް އެކްޓިވް ކަސްޓަމަރަކަށް ވާން ޖެހޭނެ އެވެ.
އެ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އުރީދޫން ކޮންމެ ދެ މަހަކުން އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނެ އެވެ. އެހެންވެ، އެ ޕްރޮމޯޝަނުގައި ޖުމްލަ ހަ އޭޓީވީ ދޭނެ އެވެ.