ޓްރީޓޮޕް ހޮސްޕިޓަލުން ށ. ފުނަދޫގައި ހެލްތު ކޭމްޕެއް ބާއްވަން އިއުލާނުކޮށްފި އެވެ.

އެއީ އެ ހޮސްޕިޓަލުން މިއަހަރު ބާއްވާ ފުރަތަމަ ކޭމްޕެވެ. އެ ކޭމްޕު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ. އެ ކޭމްޕުގައި ށ. އަތޮޅުގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން އެތަނަށް ޒިޔާރަތްކޮށް ހިދުމަތް ހޯދޭނެ ކަމަށް ޓްރީޓޮޕްއިން ބުންޏެވެ.

އެ ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ އެކި ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވާނެ އެވެ. އެއީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ކޭމްޕުތަކެކެވެ.

ށ. ފުނަދޫގައި ބާއްވާ ހެލްތު ކޭމްޕުގައި ޓްރީޓޮޕްގެ ފަރާތުން ބައިވެރިވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ:

- ކަށީގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓުން، ޑރ. މުހައްމަދު ހަބީބާއި ޑރ. އަލީ މުޒްނީ

- ނިއުރޯސަާޖަރީގެ ޑޮކްޓަރު، ޑރ. އަނިޝް މާން ސިންގް

- ހަމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް، ޑރ. އަނޫ އަގަރްވާލް

- އެންޑްރޯކޮރޮނޮލަޖީ ކޮންސަލްޓަންޓް، ޑރ. ޕަންކާޖް ޕަތަވާރީ

- ޕުލްމޮނޮލަޖީ ކޮންސަލްޓަންޓް، ޑރ. ނަޒްމީ ލަތީފް

- ޔޫރޮލޮޖީ ކޮންސަލްޓަންޓް، ޑރ. މެހްމެތް އޯޑާ

އެ ކޭމްޕްގައި އެރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މާލެ ސަރަހައްދަށް ދަތުރު ނުކޮށް އެ ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ކޭމްޕުގައި ބައިވެރިވުމަށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 6540061 ނަމްބަރުން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.