އުރީދޫ ފިންޓެކް މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50ރ. ގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20ރ. ގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް އަނބުރާ ލިބޭނެ އެވެ. އެ ޕްރޮމޯޝަނުގައި ކޭޝްބެކް އަނބުރާ ލިބޭނީ މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އާއި ހޯކްސްގެ ތެޔޮ ވިއްކާ ޝެޑުތަކުންނެވެ.
އުރީދޫން ބުނީ އެ ދުވަސްވަރު، ތެލުގެ އަގު އުފުލެމުން ދާއިރު، އެ ޕްރޮމޯޝަން ތައާރަފްކުރީ ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުން ކަމަށެވެ. އެގޮތުން 50ރ. ގެ ޕެޓްރޯލް އެޅުމުން އިތުރު ލީޓަރެއްގެ އަގު އެމްފައިސާ ވޮލެޓަށް އަނބުރާ ލިބޭނެ ކަމަށް ބުންޏެވެ.
އުރީދޫ ފިންޓެކްގެ ސީއީއޯ ހުސެއިން ނިޔާޒް ވިދާޅުވީ އެމްފައިސާ މެދުވެރިކޮށް އުރީދޫ ފިންޓެކުން ފޯރުކޮށްދެނީ ޒަރޫރީ ހަރަދުތަކުން ފައިސާ ސަލާމަތް ކުރެވޭނެ ފަސޭހަ ޑިޖިޓަލް ހައްލެއް ކަމަަށެވެ. އަދި އެ ޕްރޮމޯޝަނަކީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ފައިދާހުރި ހިދުމަތްތައް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވިދާޅުވި އެވެ.
އެމްފައިސާ ބޭނުން ކުރުމަށް އުރީދޫ ސުޕައެޕް ނުވަތަ އެމްފައިސާގެ އެޕް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އެމްފައިސާއަށް ރަޖިސްޓްރީ ކުރުމަށް ދިވެހިން އައިޑީކާޑުގެ ދެ ފަރާތް އަދި ބިދޭސީން ޕާސްޕޯޓާއި ވޯކްޕާމިޓް ހުށައަޅަން ޖެހޭނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ވެސް އެމްފައިސާ ވޮލެޓުގެ ޕިން ނަމްބަރެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.