އުރީދޫ މޯލްޑިވްސް އިން ފިކްސްޑް ބްރޯޑްބޭންޑްގެ ދާއިރާގައި އެ ކުންފުނި ހޯދަމުން އަންނަ ކުރިއެރުން ދަމަހައްޓައި، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި ކަނޑައަޅައި އޫކްލާ ސްޕީޑްޓެސްޓިން އިން އުރީދުއަށް އެވޯޑު ދީފި އެވެ.
މި އެވޯޑަކީ އުރީދޫން އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށް އެ ކުންފުނިން ސިފަކުރެ އެވެ.
ޑިޖިޓަލް ގުޅުމަކީ ދިރިއުޅުމުގެ ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ނެޓްވޯކެއް ބިނާކުރަން ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން އަންނަނީ ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކާއި، އޮންލައިންކޮށް ކިޔަވާ ދަރިވަރުންނާއި، ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހޯދާ އާއިލާތަކަށް ވެސް ސުޕަނެޓް މެދުވެރިކޮށް ފެންވަރު ރަނގަޅު އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ނެޓްވޯކެއްގެ ފެންވަރު ކަނޑައެޅުމުގައި އެންމެ މުހިންމީ ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރު ކަމަށެވެ.
"ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރަކީ ނެޓްވޯކެއްގެ ފެންވަރު ދައްކުވައިދޭ އެންމެ މުހިންމު ސިފަ. އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ތައުލީމުން ފެށިގެން ގޭމިން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް ކަސްޓަމަރުންނަށް ފުރިހަމައަށް ބަރޯސާވެވޭނެ ނެޓްވޯކެއް ފޯރުކޮށްދިނުން." ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ މި ލިބުނު ފަހުރުވެރި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި ވަފާތެރިކަމުގެ ނަތީޖާއެއް ކަމަށެވެ.
"އޫކްލާގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑަކީ އަޅުގަނޑުމެންގެ ވަފާތެރި ކަސްޓަމަރުން އަޅުގަނޑުމެންނަށް ދެއްވި އެވޯޑެއް. ކަސްޓަމަރުންގެ އިތުބާރާއި އަޅުގަނޑުމެންގެ ހިދުމަތްތަކަށް ބަރޯސާވުން، އަޅުގަނޑުމެންނަށް ހިތްވަރު ދެނީ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް، އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަށް." ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން ސުޕަނެޓްގެ ހިދުމަތް ތަރައްގީކޮށްފައިވަނީ ޑިޖިޓަލް މުޖުތަމައެއްގެ ބޭނުންތަކަށް ފެތޭގޮތަށް، އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި ނެޓްވޯކް އޮޕްޓިމައިޒޭޝަންގެ ސަބަބުން ހަލުވި އަދި ހަމަޖެހޭ ހިދުމަތެއް ފޯރުކޮށްދޭ ގޮތަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އީޖާދީ މަސައްކަތްތަކާއި ހިތްވަރެއް ބޭނުންވާ ކަމަކަށްވާއިރު، އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް ސްޓްރެޓެޖީ ބިނާވެފައިވަނީ މި ކަންކަމުގެ މައްޗަށް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން އަންނަނީ ރާއްޖެ ޑިޖިޓަލް ދާއިރާއިން ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް އަދި މުޖުތަމައުތަކަށް ބޭނުންވާ ފަދަ ހައްލުތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.