ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާނުލާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ސަޕޯޓް ހުއްޓާލި ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކައް ދޮގުކޮށް ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، ކުރިން ވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ.
މި މަހު ވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައި ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި، މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ނުދެވި ނުވާނެ އެވެ. އެކަމަކު އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
"މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، ބޭރުން ރާއްޖެ އަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާ އަށް ވުރެ ރާއްޖެ އިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދުދު މި ދުވަސްކޮޅު އިތުރުވެފައިވީ ނަމަވެސް، ބޭންކުން މި އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާ އެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ،" ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.
އަދި މި ނާޒުކު ދުވަސްވަރު ވެސް ބީއެމްއެލް އިން އަންނަނީ ކާބޯތަކެއްޗާއި އެކިއެކި ބޭނުންތަކަށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމަށްޓަކައި ވިޔަފާރިތަކަށް ކުރިއަށް ވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުން ކަމަށް ވެސް ބުންޏެވެ.
"މިގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ. އަދި މި ބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ 142 ޕަސެންޓު އިތުރު އަދަދެކެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
"މި އަހަރުގެ މިހާތަނަށް 38،855 ޓީޓީ އަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ އެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ."