އެންމެ ގިނަ މީހުން އީ-ކޮމާސް މުއާމަލާތްކުރާ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތަކަށް ސިކުންތަކު 70 އަށް ވުރެ ގިނަ އީކޮމާސް މުއާމަލާތް ހިނގަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ބޭރު ފައިސާގެ ލިކުއިޑިޓީ ހިފެހެއްޓުމަށްޓަކައި، އިންޓަނޭޝަނަލް އީ-ކޮމާސް މުއާމަލާތްތަކަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކަށް ކުރެވޭނެ ލިމިޓްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

މިގޮތުން، ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކު ވެސް ބީއެމްއެލްގެ އީ-ކޮމާސް ލިމިޓް ރިސެޓްވަނީ ހެނދުނު 7:00ގަ އެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ރީސެޓްވާ ގަޑި ހާމަކުރުމުން މިހާރު ގިނަ ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބުމާ އެކު، މި ޓްރާންސެކްޝަންތައް ފުރިހަމަވެ، މި ސައިޓްތަކުގެ ކެޓަގަރީ އަށް ދުވާލަކަށް ކަނޑައެޅިފައިވާ ލިމިޓް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަމަވާ ކަމަށެވެ.

ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40,000 އަށް ވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރި ކުރަމުން އަންނައިރު، ދުވާލަކު އެވްރެޖްކޮށް 20,000 އަށް ވުރެ ގިނަ މުއާމަލާތް މިހާރު ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ކަނޑައަޅާފައިވާ މިންވަރު، ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވަނީ ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ސިސްޓަމް ތެރެއިން ހިނގަމުންދާތީ،" ސައީދު ވިދާޅުވި އެވެ.

މިފަދަ ޕްލެޓްފޯމްތަކުގައި ދުވަހުގެ ލިމިޓް ހަމަވުމުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތް ކުރުމަށް އިރުޝާދު ދެ އެވެ.

މީގެ އިތުރުން، މިގޮތަށް ލިމިޓްތައް ކަނޑއެޅި ފަހުން ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަންތައް ފަދަ އެހެން ކެޓަގަރީތަކުން ދުވަސް ނިމޭއިރު ވެސް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުން ބާކީ ހުންނަކަން ފާހަގަކުރެވޭކަމަށް ސައީދު ވިދާޅުވި އެވެ. 

"މިއީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ލިމިޓް ލިބިގެންދާ ކަމެއް،" ސައީދު ވިދާޅުވި އެވެ. 

މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ކެޓަގަރީތަކަކަށް ބަހާލައިގެން މި ބަދަލު ގެނަޔަސް، ރާއްޖޭން ބޭރަށްދާ ދިވެހިންނާއި ބޭރުގައި ކިޔަވާ ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންނަށް ބޭރުގައި ބޭނުންކުރެވޭ ލިމިޓަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. 

ދުވާލަކު ވަކި މިންވަރެއް ކަނޑައެޅި ސަބަބު

މި މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭނުންވާ ޑޮލަރަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން، ބޭންކުގެ ފޮރިން ކަރަންސީ ލިކިއުޑިޓީ ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކޮށް، ބޭންކުން އިސްކަންދިނީ ކަސްޓަމަރުންނަށް ދުރާލައި ކަންކަން ރޭވުމަށް މަގުފަހިވާނޭހެން، ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން އެކި ކެޓަގަރީތަކަށް، ދުވާލަކު ބޭނުންކުރެވޭނެ ސީދާ އަދަދުތައް ކަނޑައަޅައި އާންމުކުރުމަށެވެ.

މި އުސޫލުގެ ދަށުން، ރުފިޔާ ކާޑުތަކުން ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ވަނީ ކަނޑައަޅައިފަ އެވެ. އެއީ:

• އެންމެ ގިނައިން ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް (ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ 150 ސައިޓް): 3 މިލިއަން ޑޮލަރު، (ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު)

• ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް (މެޓާ، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް): 1.5 މިލިއަން ޑޮލަރު، (ދުވާލަކު ގާތްގަނޑަކަށް 50,000 ޑޮލަރު)

• ދަތުރުފަތުރާއި ހޮޓެލް ބުކިންގ: 6 މިލިއަން ޑޮލަރު، (ދުވާލަކަށް ގާތްގަނޑަކަށް 200,000 ޑޮލަރު)

• ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ޚިދުމަތްތައް: ( 3 މިލިއަން ޑޮލަރު، ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު

• އެހެނިހެން ހުރިހާ އޮންލައިން ވިޔަފާރިތަކަށް: 1.8 މިލިއަން ޑޮލަރު، ދުވާލަކަށް ގާތްގަނޑަކަށް 60,000 ޑޮލަރު

• ސިއްހަތާއި ތައުލީމީ ޚިދުމަތްތައް: އެއްވެސް ލިމިޓެއް ނެތި، ހުރިހާ ވަގުތެއްގައިވެސް ފައިސާ ދެއްކޭނެކަން ކަށަވަރުކުރުމަށް ހާއްސަ ބަފަރެއް ވަނީ ކަނޑައެޅިފައި. 

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް، އީ-ކޮމާސްގެ އިތުރުން، އެހެނިހެން ކާޑު މުއާމަލާތްތަކާއެކު މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކުރެ އެވެ.

އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން، މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ބޭންކުން ވަކިން ހާއްސަކޮށް، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ވަކި ފަންޑެއް ހަމަޖައްސާފައިވަނީ ކޮންމެ ހާލަތެއްގައިވެސް މިފަދަ ޒަރޫރީ ހިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބޭންކުން ބުނެފައިވެ އެވެ. 

ބޭންކުން މުއާމަލާތްތައް ދައުރުވާ ގޮތާއި ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކުގެ އިތުރުން، ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރަށް ބަލައި މި އަދަދުތައް ބޭންކުން މުރާޖައާ ކުރަމުން ގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.