އުރީދޫ މޯލްޑިވްސް އާއި މީޑިއާނެޓް ގުޅިގެން، އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމް ކަމަށްވާ "ހޮޅުއަށި" މެދުވެރިކޮށް މީޑިއާނެޓުގެ ހިދުމަތްތަކަށް ފަސޭހައިން ސަބްސްކްރައިބް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އުރީދޫ "ހޮޅުއަށި" އަކީ ސީދާ އުރީދޫ ސުޕައެޕް މެދުވެރިކޮށް ޑިޖިޓަލް އުފެއްދުންތަކެއް ލިބޭނެހެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕާޓްނާޝިޕްގެ ދަށުން، އުރީދޫ ސުޕައެޕްގައި ހިމެނޭ ހޮޅުއަށި މެދުވެރިކޮށް މީޑިއާނެޓް ސީޒަން ޕާސް ގަނެ، ވަގުތުން ލައިވް ޓީވީ އާއި މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓްތައް ބަލައިލެވޭނެ އެވެ.

މި ހިދުމަތާ އެކު، މީޑިއާނެޓަށް ފައިސާ ދެއްކުމުގެ އިންތިޒާމް ވެސް ވަނީ ފަސޭހައިން ހަމަޖައްސައިދީފަ އެވެ. އެގޮތުން އުރީދޫ ކަސްޓަމަރުންނަށް މިހާރު މީޑިއާނެޓުގެ ސަބްސްކްރިޕްޝަން ފީ ސީދާ އެ މީހެއްގެ މޯބައިލް ބިލަށް އިތުރުކުރެވޭނެ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެ މީހުންގެ ފޯނުގައި ހުންނަ ބެލެންސުން ވަގުތުން ފައިސާ ކެނޑޭނެ އިންތިޒާމް އުރީދޫން ވަނީ ހަމަޖައްސައިދީފަ އެވެ. މިކަމުގެ ސަބަބުން ކްރެޑިޓް ކާޑު ނުވަތަ އެހެނިހެން ޕޭމަންޓް ގޭޓްވޭތައް ބޭނުންކުރުމުގެ ބަދަލުގައި، އެއް ޕްލެޓްފޯމަކުން މި ޕޭމަންޓު ފަސޭހައިން ނިންމައިލެވޭނެ އެވެ.

މި ހިދުމަތަށް ސަބްސްކްރައިބް ކުރުމަށް އުރީދޫ ސުޕައެޕަށް ވަނުމަށް ފަހު ހޮޅުއަށި ސެކްޝަނަށް ގޮސް މީޑިއާނެޓް ހިޔާރުކުރުމުން ފަސޭހައިން މި ހިދުމަތް އެކްޓިވޭޓް ކުރެވޭނެ އެވެ. 

އުރީދޫން ބުނީ އެކުންފުނިން ތައާރަފް ކުރި މި ހިދުމަތާ އެކު، މަގުބޫލު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫއެފްއޭ ޗެމްޕިއަންސް ލީގުގެ މެޗުތައް ފަސޭހަކަމާ އެކު ބަލައިލެވޭނެ ކަމަށެވެ. މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ މެޗުތައް މީޑިއާނެޓުގެ ޗެނަލްތައް ކަމަށްވާ އައިސް ޓީވީ އަދި ސޮނީ ސްޕޯޓްސް ނެޓްވޯކް މެދުވެރިކޮށް ލައިވްކޮށް ދައްކަމުން ދާއިރު، އުރީދޫ ހޮޅުއަށި މެދުވެރިކޮށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ކޮންމެ ތާކު ހުރެގެން ވެސް އެ މެޗުތައް ބަލައިލެވޭނެ އެވެ. އޭގެ އިތުރުން މީޑިއާނެޓުގެ އެކި ޗެނަލްތަކުން ދައްކާ ކުޅިވަރު މުބާރާތްތަކާއި، ފިލްމުތަކާއި، ޑްރާމާ ސިލްސިލާތައްވެސް އެ ޕާސްގެ ދަށުން ބެލޭނެ އެވެ.

އުރީދޫން ބުނި ގޮތުގައި ކުޅިވަރު މުބާރާތްތައް ބެލުމަށް ޝައުގުވެރިވާ ގިނަ ބަޔަކު އުޅޭއިރު، މިއީ އެ ފަރާތްތަކަށް ފަސޭހައިން އެފަދަ އެކި މުބާރާތްތައް ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެކެވެ. ހާއްސަކޮށް، ގޭގައި ނޫޅޭ ވަގުތުތަކުގައި ފަސޭހައިން މެޗުތައް ބަލާލެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. 

އުރީދޫން ބުނީ އެ ކުންފުންޏާއި މީޑިއާނެޓުގެ މި ޕާޓްނާޝިޕަކީ ކަސްޓަމަރުންނަށް ޒަމާނީ އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއް އެޕްލިކޭޝަނެއްގެ ތެރެއިން މުއާސަލާތީ ހިދުމަތްތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ގުޅުވައިލުމުން، ވަގުތު ސަލާމަތްވެ، ހިދުމަތް ހޯދުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް ބުންޏެވެ. 

އުރީދޫން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ހޮޅުއަށި ޕްލެޓްފޯމަށް އޯޑިއޯ ފޮތްތަކާއި، ކުޑަކުދިންގެ ޕްރޮގްރާމްތަކާއި، ސިއްހަތާއި ގުޅޭ ކޮންޓެންޓް ފަދަ އިތުރު އާ ހިދުމަތްތައް ތައާރަފުކުރަމުންދާނެ ކަމަށް އޫރީދޫން ބުންޏެވެ.