ގައުމީ ބޭންކް ބީއެމްއެލްގެ ޑެބިޓު ކާޑުތަކަށް ވިއްކާ ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލާއި ސަރުކާރުން މިދިޔަ މަހު އަނބުރާ ދެއްކި ބޭރުގެ ދަރަނިތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

މުންދު ބޭއްވި ހަފުތާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ ބީއެމްއެލް އަށް ދިމާވެގެން އުޅޭ ހާލަތުގެ ތަފުސީލު އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވަރަށް ތަފުސީލުކޮށް ކިޔައި ދެއްވި ކަމަށެވެ. 

"މިކަމުގައި، ތި އިންފަރެންސް ނުހައްދަވާށޭ އަޅުގަނޑުމެން މި ދެއްކި ލޯނުތަކާއި ނުވަތަ އަޅުގަނޑުމެން މި ކްލިއާ ކުރި އެފެކްސް ސްވޮޕްއާ،" އޭނާ ވިދާޅުވި އެވެ. 

"އެއާ ގުޅިގެނެއް އަޅުގަނޑުމެންގެ ކޭޝް ފްލޯއަކާއި އެހެން އެއްޗަކަށެއް ނާދޭ ލޮޅުމެއް ނުވަތަ ޑިފިކަލްޓީއެއް. އެހެންވީމަ، ސަރުކާރުން އަޅުގަނޑުމެން މި މަސް [މިދިޔަ މަހުގެ] ތެރޭގައި މި ދެއްކި ފައިސާ ނުވަތަ ކްލިއާ ކުރި ދަރަނިތައް ކްލިއާ ކުރުމަކާ ބީއެމްއެލްގެ މިކަމަކާ ގުޅުމެއް ނެތް އިނގޭތޯ."

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑު ހިފައިގެން ގޮސް، ބޭރުގައި ކާޑުގެ މުއާމަލާތްތައް ހިންގާ މައްސަލަ ހައްލުކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން، ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރާ "ފޮރިން ސްޕެންޑް ލިމިޓް" ހަމައެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވްވާ ގޮތަށް ބީއެމްއެލް އިން މިދިޔަ ހަފުތާގައި ވަނީ ހަމަޖައްސައިފަ އެވެ. 

ވިޔަފާރީގެ ބޭނުމަށް ބައެއް މީހުން ވަރަށް ގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓުތަކުން މުދާ ގަންނަން ބޭނުންކުރާތީ، އެ މައްސަލަ ހައްލުކުރުމަށް ބީއެމްއެލް އިން ވަނީ ކޮންމެ ކަސްޓަމަރަކަށް މަހަކު އީ-ކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދަކީ 30 ކަމަށް ކަނޑައަޅައިފަ އެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު، 2021 ގައި ދޫކުރި ސުކޫކަށް ދައްކަން ޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސަރުކާރުން މިދިޔަ މަހު ވަނީ ދައްކައިފަ އެވެ. އަދި މި ސަރުކާރު އައި ފަހުން، 2024 ވަނަ އަހަރު އިންޑިއާ އިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ)ގެ ކަރަންސީ ސްވޮޕް ވެސް މިދިޔަ މަހު ވަނީ އަނބުރާ ދައްކައިފަ އެވެ.