ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލު ކުރުމަށް ކުރިއަށް ގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ގެ ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރިއަށް ގެންދިޔަ އެ ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރާއި ހޮންކޮންގް އަދި ލަންޑަންގަ އެވެ.

އެއީ ބައިނަލްއަގްވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓްރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

ބީއެމްއެލް އިން ބުނީ އެ ބައްދަލުވުންތަކުން ހޯދުމަށް ކަނޑައަޅާފައިވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި، ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ.

މިދިޔަ މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރު (9.1 ބިލިއަން ރުފިޔާ) އަށް އަރާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެކަނި ވެސް 35 މިލިއަން ޑޮލަރު (539 މިލިއަން ރުފިޔާ) އެ ދާއިރާއަށް ދޫކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބޭންކުން ދެމުންގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވީ ބީއެމްއެލްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު އިސް ބައިވެރިއެއް ކަމަށެވެ. އަދި އެ ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި އެ ސިނާއަތް ފުޅާކުރުމަށާއި އާ ހިދުމަތްތައް ތައާރަފް ކުރުމަށާއި އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އަފީފް އިތުރަށް ވިދާޅުވީ ފައިނޭންސިން ހޯދުމަށް އާ މަގުތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ގާބިލްކަން އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ހިއްސާއެއް ލިބިގެންދާނެ ކަމަށެވެ. 

 ބީއެމްއެލްއިން ބުނީ އެ ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގައި ކަމަށެވެ. އަދި ބޭންކުން ދަނީ ފައިދާގެ ނިސްބަތާއި ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ވުރެ މަތީގައި ދަމަހައްޓަމުން ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނީ ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، އެ ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި އަދި ބައިނަލްއަގްވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާއެކު ކަމަށެވެ. 

އެ ބައްދަލުވުންތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިސޯދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. 

"މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑް ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް." ޝަރީފް ވިދާޅުވި އެވެ. 

ބީއެމްއެލްއިން އަމާޒު ހިފާފައިވަނީ ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާ އެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ބޭންކް ހިންގުމަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.