ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކުރިއަށް އޮތް ދެ އަހަރަށް ސަސްޕެންޑް ކުރަން އިނގިރޭސި ސަރުކާރުން ނިންމުމާ ގުޅިގެން، ހެޔޮ އަގުގައި ދިވެހި ކޮލިޓީ މަސް ލިބޭނެ މަގުފަހިވާ ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 20 ޕަސެންޓް ނަގަމުންދާތީ މަހުގެ އަގު ދަށްވުމުގެ ޝަކުވާ ދިވެހި މަސްވެރިން ކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. 

ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިނގިރޭސިން 2020 ވަނަ އަހަރު ވަކިވުމާ ގުޅިގެން، ދިވެހި މަހުން ނަގާ ޑިއުޓީ ކަނޑާލަން އެކި ފަންތީގައި ކުރި މަޝްވަރާތަކުން ވެސް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ނަމަވެސް، އިނގިރޭސި ވިލާތުގެ ނިންމުން މި ވަގުތަށް ބަދަލުކޮށް، ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ސަސްޕެންޑްކުރަން ކަނޑައެޅީ 2028 ވަނަ އަހަރާ ހަމައަށެވެ.

އެކަމާ ގުޅިގެން، އިނގިރޭސި ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސި ސަރުކާރުގެ މި ނިންމުމަކީ، ދިވެހި މަސްވެރިންގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސްއާ ސަލާން ކުރައްވަނީ.
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސްއާ ސަލާން ކުރައްވަނީ.

ރާއްޖޭގައި ކުރާ ދެމެހެއްޓެނެވި މަސްވެރިކަމުން ބޭރުކުރާ ކޮލިޓީ ދިވެހި މަހުގެ މާކެޓު އިނގިރޭސި ވިލާތަށް ހުޅުވި، ހެޔޮ އަގުގައި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި މަސް ލިބޭނެ މަގުފަހިވެއްޖެކަން ސަފީރު ފާހަގަކުރެއްވި އެވެ.

ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސި ވިލާތަށް ކަނޑުމަސް އެކްސްޕޯޓް ކުރެ އެވެ. ރާއްޖެއަކީ އިނގިރޭސި ވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމެވެ.

އިނގިރޭސި ވިލާތުން މިއަދު ނިންމި ނިންމުން ދާއިމީ ކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ. 

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އެހެނިހެން ވިޔަފާރިތަކާއި އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިވެ، މަސް ޕްރޮސެސްކުރާ ފަރާތްތަކުގެ ފައިދާ އިތުރުވެ، އަދި މަސްވެރިންނަށް ވިއްކާ އަގު އިތުރަށް ރަނގަޅުވާނެ ކަމަށެވެ.