މަސްވެރިން ބާނާ ބޮޑު ކަންނެލީގެ ތެރެއިން 10-15 ކިލޯއާ ދެމެދުގެ ކަންނެލި 20ރ.ގެ ރޭޓުން މިފްކޯއަށް ގަންނަން ފަށައިފި އެވެ.
ބޮޑުކަންނެލި މަސްވެރިން ބާނާ "އަންޑަ ސައިޒް" ކަންނެލި މިފްކޯއަށް މީގެ ދެ ހަފުތާ ކުރިން ގަންނަން ފެށީ 15-18 ކިލޯއާ ދެމެދުގެ ބަރުދަން ހުންނަ ކަންނެލި ނަމަ ކިލޯއަކަށް 25ރ. ގެ ރޭޓުންނެވެ.
މިފްކޯގެ ސީނިއާ މެނޭޖަރު، ޕީއާރް ޝިފްޒާ މުސްތަފާ "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10-15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވާ ކަމަށެވެ. އެ ސައިޒުގެ ކަންނެލި ގަންނަން ކަނޑައަޅާފައިވަނީ ކިލޯއެއް 20ރ. ގެ ރޭޓުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަޅުބިލަމަސް ކިރުވާ މަސްވެރިންނަށް ވެސް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާ އުސޫލުން ކަންނެލި މަސްވެރިންނަށް ވެސް މިފްކޯއިން ފައިސާ ދޫކުރެ އެވެ.
މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް. މިގޮތުން މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެން،" ޝިފްޒާ ވިދާޅުވި އެވެ.
މިފްކޯގެ އެ ނިންމުމާ ބެހޭ ގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ރައީސް ހުސައިން ނަޝީދު "މިހާރު" އަށް ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް "އޭ"ގްރޭޑް އަދި "ބީ" ގްރޭޑްގެ ބޮޑުކަންނެލި ކިރާއިރު ސައިޒް ކުޑަވުމުން ނުވަތަ ކޮލިޓީއަށް ބަލައި "ރިޖެކްޓްކުރާ ކަންނެލި" މިފްކޯއިން އެ އަގަށް ގަތުމަކީ ވަރަށް ރަނގަޅު ކަމެއް ކަަމަށެވެ.
"ރަނގަޅަށް ކަންނެލި ބާނާ ދުވަސްވަރެއްގައި މި ކެޓަގަރީގެ ކަންނެއްޔަކީ ނުއަގުގައި ދޫކޮށްލަން ޖެހޭ އެއްޗަކަށް ވެފައި އޮންނަނީ. އެހެންވީމާ މިއީ ބޮޑުކަންނެލި މަސްވެރިންނަށް ލިބުނު ހިތްހަމަޖެހުމެއް،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑުކަންނެލި މަސްވެރިންގެ ޑިމާންޑަކީ އަމިއްލަ ކުންފުނިތަކުން ވެސް ގަންނަ ފެންވަރުގެ، އަދި އެ ބޮޑެތި ސައިޒްގެ ކަންނެލި މިފްކޯއަށް ގަތުމެވެ. އެކަން ވެސް މިފްކޯއިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޔޫނިއަނަށް މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބީކޭއެމްޔޫ އިން މީގެ ކުރިން ތަކުރާރުކޮށް އިހުތިޖާޖުކުރުމުގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި ފިޝަރީޒް މިނިސްޓަަރު އަހުމަދު ޝިޔާމާ އެ ޔޫނިއަންގެ ވަފުދުތައް ބައްދަލުވެސް ކުރި އެވެ. އޭގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެ ޔޫނިއަނުން ހަމަ އެގޮތަށް މަސައްކަތް ކުރި އެވެ.
ނަޝީދު ވިދާވީ "ކޮންމެ ނިޔަތެއްގައި" ކުރި ނަމަވެސް، މިއީ ބޮޑުކަންނެލި މަސްވެރިންގެ އެ ކަންބޮޑުވުންތަކަށް އަމަލީ ގޮތުން އެޑްރެސްކުރި ފުރަތަމަ ފަހަރު ކަމަށެވެ. ކުރިން އަބަދުވެސް އޮތީ މަޝްވަރާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.