މަސްވެރިކަމާ ގުޅޭ ގޮތުން ލަފާދިނުމަށް ތިން ކޮމިޓީއެއް އެކުލަވާލަން ނިންމާފައި ވާތީ އެ ކޮމިޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ހޯޯދަން ފިޝަރީޒް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނީ ކަނޑުމަހުގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަން މެނޭޖުކުރުމަށް ލަފާދޭ ކޮމިޓީތަކެއް އެކުލަވައިލަމުން އަންނަ ކަމަށެވެ. އެ ކޮމިޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ކުރިން ވެސް ހުޅުވާލުމުން އެއްވެސް ތަރުހީބެއް ނުލިބޭތީ، މި މަހު 19 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ ކޮމެޓީތަކަކީ ކަނޑުމަހުގެ މަސްވެރިކަމާއި ފާނަ މަސްވެރިކަމާ އަދި ހިބަރު މަސްވެރިކަން މެނޭޖުކުރުމާ ގުޅޭ ގޮތުން މިފަހުން މިނިސްޓްރީން ހެދި ގަވާއިދުތަކުގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީތަކެކެވެ.
ކަނޑުމަހުގެ މަސްވެރިކަމާ ބެހޭ ކޮމެޓީގެ މަގާމުތައް
• ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިން ތަމްސީލުކުރާ ތިން މަސްވެރިން
• އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މެމްބަރެއް
• ރާއްޖޭގެ ބާޒާރަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މެމްބަރެއް
• ކަމާގުޅޭ ދެ ޖަމިއްޔާއެއްގެ ތަމްސީލުކުރާ ދެ މެމްބަރުން
ފާނަ މަސްވެރިކަމާ ބެހޭ ކޮމެޓީގެ މަގާމުތައް
• ފާނައިގެ މަސްވެރިކަން ތަމްސީލުކުރާ ތިން މެމްބަރުން
• ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މެމްބަރުން
• ކަމާގުޅޭ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރެއް
ހިބަރުގެ މަސްވެރިކަމާ ބެހޭ ކޮމެޓީގެ މަގާމުތައް
• ހިބަރުގެ މަސްވެރިކަން ތަމްސީލުކުރާ ތިން މެމްބަރުން
• ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މެމްބަރުން
• ކަމާގުޅޭ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރެއް
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޮމިޓީތަކަށް ކުރިމަތިލާ މީހުންނަކީ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ މީހެއް ކަމުގައިވާން ޖެހޭ ކަމަށެވެ. އަދި އެ މީހަކީ އިންތިހާބީ މަގާމެއް، ސިޔާސީ މަގާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ އިސްމަގާމެއް ހުރި މީހަކަށް ވެގެންނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ކޮމެޓީތަކުގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބަލައި އަހަރަކު އެއް ފަހަރު މިނިސްޓަރަށް އޭގެ ތަފުސީލު އެރުވުމެވެ. މަސްވެރިކަމާ ގުޅޭ ފަންނީ އަދި އެހެނިހެން މައުލޫމާތު އެކުލެވޭ ރިޕޯޓްތައް އެނަލައިޒްކުރުމާއި މަޝްވަރާ ބައްދަލުވުންތައް ބާއްވައި މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަކީ ވެސް މި ކޮމިޓީތަކުގެ ޒިންމާއެކެވެ.