ދިރާގުން މި ފަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި އަހަރުގެ އީދު ބޮނޑިބަތް ބެހުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގަ އާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައި ކަމަށް ދިރާގުން ބުންޏެވެ.
މި ހަރަކާތް ކުރިއަށް ގެންދާނީ އީދު ދުވަހުގެ [މާދަމާގެ] ހެނދުނު ހަތެއް ޖަހާއިރު އޮންނަ އީދު ނަމާދަށް ފަހު، މާލޭގައި ކިންގް ސަލްމާން މިސްކިތް ސަރަހައްދުގަ އާއި ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.
މިއީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ބޮޑު އީދުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ދިރާގުން ބުންޏެވެ.