މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޖޮބް ފެއާގައި ލިބޭނެ ފުރުސަތު ފަހިކޮށްދީފި އެވެ.
ފެއާގައި އެމްއައިބީގެ ސްޓޯލު ނަންބަރަކީ 17 އެވެ.
އެމްއައިބީން ބުނީ "އެމްއެންޔޫ ފަހި ފުރުސަތު" ގެ ނަމުގައި ފަށާފައިވާ ޖޮބް ފެއާގައި އެ ބޭންކުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތުތަކާއި ބޭންކުގެ މަސައްކަތު މާހައުލާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.
އެމްއައިބީން ބުނި ގޮތުގައި މިދިޔަ ބުދަ ދުވަހު ފެށި މި ޖޮބް ފެއާގައި އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގެ އެމްއައިބީގެ ސްޓޯލަށް ޒިޔާރާތްކޮށް ރަޖިސްޓަރީވެ، އެ ފެއާ އަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެމްއައިބީގެ ސްޓޯލުން ރަޖިސްޓަރީވާ މީހުންގެ މެދުގައި ނަގާ ލަކީޑްރޯގެ ތިން ނަސީބުވެރިއަކަށް ފައިސާވެއާ ރިންގެއް ލިބޭނެ އެވެ. މި ލަކީޑްރޯ ނެގުމަށް ހަމަޖެހިފައި ވަނީ މިރޭގަ އެވެ.
މި ފެއާ އަކީ ދަސްވެނިން އަދި ވަޒީފާ ހޯދަން ބޭނުންވާ މީހުންނަށް އެމްއައިބީގައި ހުރި ފުރުސަތުތައް ދެނެގަތުމަށާއި މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަށް އެމްއައިބީން އެދެ އެވެ.
މިރޭ ނިމޭ މި ޖޮބް ފެއާ މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގައި ކުރިއަށް ގެންދާނެ އެވެ.