ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. 

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާތަކުން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކު ވެސް ހުޅުވާލާ ފުރުސަތެކެވެ.

ބޭންކް ފަންޑް ކާމިޔާބުކުރާ ފަސް ފަރާތަކަށް ތައުލީމީ ދާއިރާ، ތިމާވެށި އަދި ކުޅިވަރުގެ ދާއިރާއިން މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ. ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ.

މިއީ އެގޮތަށް އެ ފަންޑް ހިންގަމުންދާ ތިން ވަނަ އަހަރެވެ. އެއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރެ އެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުން އަބަދުވެސް ގަބޫލުކުރަނީ ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އެގޮތުން ބޭންކް ފަންޑަކީ ރަށްރަށުގެ ޖަމިއްޔާތަކާ ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ފަންޑަށް އެދި އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް އަންނަ އާދިއްތަ ދުވަހު 14 ވަނަ ދުވަހުގެ މެންދުރު 2 އާ ހަމައަށް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

ބޭންކް ފަންޑް ތައާރަފް ކުރިފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ ނުވަ ޖަމްއިއްޔާއަކަށް އެ ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.