އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ދިން އަދަދު 69 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 770 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގެއްލުމުގެ ބަދަލަށް ހޭދަކުރީ 7.9 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނު އިރު ގެއްލުމުގެ ބަދަލަށް ދައުލަތުން ހޭދަކޮށްފައިވަނީ 24 މިލިއަން ރުފިޔާ އެވެ.
އެހެންވެ، މިހާތަނަށް ގެއްލުމުގެ ބަދަލަށް ހޭދަކުރި އަދަދު މިދިޔަ އަހަރު ޖުމްލަ ހޭދަކުރި އަދަދަށް ވުރެ 187 ޕަސެންޓް އިތުރެވެ.
ދައުލަތުން ގެއްލުމުގެ ބަދަލު ދޭން ޖެހެނީ، ދައުލަތުގެ އިދާރާތަކުން އަމިއްލަ ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތަކާ ހިލާފަށް އަމަލުކުރުމުންނެވެ.
ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދޭންޖެހުމުގައި ދައުލަތުގެ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރު ބުނެފައިވެ އެވެ.
ދައުލަތުން އެއްބަސްވުންތައް އުވާލާއިރު އޭގެ ޓާމްސްތަކާއި ފޮލޯ ކުރަންޖެހޭ އިޖުރާއަތްތައް ފޮލޯ ނުކުރެވި، ނުވަތަ ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގައި އިހުމާލުވާ ކަމަށް އޮޑިޓް އޮފީހުން މާލިއްޔަތު ކޮމިޓީގައި އޭރު ބުނެފައިވެ އެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދިން 17 މައްސަލައެއް އޮޑިޓް ކުރުމުގެ މަސައްކަތް ވެސް މާލިއްޔަތު ކޮމެޓީގެ އެންގުމަކަށް އޮޑިޓާ ޖެނެރަލް އޮފީހުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން ރަށްރަށާއި ފަޅުތައް ދީފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ.