ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް، "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތް އަންނަ އޮގަސްޓު މަހުގެ 21 އަދި 22 ވަނަ ދުވަހު ރަސްފަންނުގައި ބޭއްވުމަށް ނިންމައިފި އެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ދިރާގު މާލެ އޯޕަން" ސްވިމިން މުބާރާތުގެ މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމެވެ. 

އެ މުބާރާތާ ގުޅިގެން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ ސްވިމް މޯލްޑިވްސްއާ ގުޅިގެން "ދިރާގު މާލެ އޯޕަން" ސްވިމިންގެ ތިން ވަނަ މުބާރާތް އިއުލާނު ކުރުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި އެފަދަ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ކުޅިވަރުގެ ސަބަބުން އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ މާހައުލަށް ބަލާއިރު ފަތަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމަށް ވާތީ، ފެތުމަށް ހިތްޖެއްސުމާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް އެހީތެރިވުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

އެ މުބާރާތާއި ގުޅޭގޮތުން ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ ވޭތުވެދިޔަ އަހަރު ބޭއްވި "ދިރާގު މާލެ އޯޕަން" ގެ ކާމިޔާބީ އާއި މުޅިން އަލަށް ރާއްޖޭގައި ބޭއްވި "އޯޝަންމޭން މޯލްޑިވްސް" މެދުވެރިކޮށް ރާއްޖޭގައި އެ ކުޅިވަރު ކުރިއެރުވުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމަށެވެ. އަދި އެއީ ފެށުމެއް ކަމަށާއި އަދި އެ ޖަމްއިއްޔާއިން އޮތީ މިއަހަރުގެ މުބާރާތަށް ކުރިއަށް ވުރެ ގިނަ ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ފެތުންތެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ ތަސައްވުރަކީ ދިރާގު މާލެ އޯޕަން އަކީ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅިވަރު ހަރަކާތަށް ހަދައި، ބައިނަލްއަގުވާމީ ފެތުމުގެ ކަލަންޑަރުގައި މި މުބާރާތް ހިމަނައި، ބައިވެރިނުވެ ދޫކޮށްނުލެވޭފަދަ ޝައުގުވެރި މުބާރާތަކަށް ހެދުން.“ އޭނާ ވިދާޅުވި އެވެ.

އެ މުބާރާތުގައި 1 ކިލޯމީޓަރާއި 500 މީޓަރާއި 250 މީޓަރާއި މިއަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭގެ ކެޓަގަރީއަށް ރަޖިސްޓް ރީކުރުމުގެ ފުރުސަތު ސްވިމް މޯލްޑިވްސްގެ ވެބްސައިޓުގައި މިހާރު ވަނީ ހުޅުވާލައިފަ އެވެ. 

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ބައިވެރިވެ، 340 އަށް ވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ހިމެނެ އެވެ. 

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އެފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.