މިިދޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ބަޔާނުން އެނގިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާގެ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރު ރިސޯޓު ކުލީގެ މުއްދަތު އިތުރު ކުރުމަށް ހުޅުވާލުމުން 18 ފަރާތަކުން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ފީ ދައްކާފައިވެ އެވެ. އަދި ރިސޯޓުތައް ތަރައްގީ ކުރުމަށް 15 ފަރާތަކުން ވަނީ ބިން ވިއްކުމާއި ބަދަލު ކުރުމަށް ނަގާ ފީގެ ގޮތުގައި 196 މިލިއަން ރުފިޔާ ދައްކާފަ އެވެ.
މިދިޔަ އަހަރުގެ މާޗު މަހު ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން މުއްދަތު އިތުރު ކުރުމަށް އަވަހަށް ފައިސާ ދެއްކުމުން ރިސޯޓުތަކަށް ބޮޑު ލުއިތަކެއް ލިބުނެވެ.
އެ އިސްލާހުގައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދިނުމަށް ފަހު، އެ އަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ތަނުގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރާ ނަމަ އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު އެއް ފަހަރާ ދައްކަން ޖެހޭނެ އެވެ
ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަސް ފަހުން 49 އަހަރަށް މުއްދަތު އިތުރު ކުރެވޭނީ ފީއެއްގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދެއްކުމުންނެވެ.
ގާނޫނުގައި ކުރިން އޮންނަ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހެނީ އެއް ލައްކަ ޑޮލަރެވެ. އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. އަދި ހަ މަހަށް ވުރެ ދިގު މުއްދަތަކުން އެ ފައިސާ ދައްކާ ނަމަ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ރޭޓުން ފީއެއް ދައްކަން ޖެހެ އެވެ.