ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުމަށް މާދަމާ ބާއްވާ ހާއްސަ ހަރަކާތުގައި ފޯރިގަދަ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެފި އެވެ. 

ދިރާގުން ބުނީ އެ ހަރަކާތުގައި 'އެކަތި ބޮޑުބެރު' ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ހިމެނޭ ކަމަށެވެ. އަދި، ކުޑަކުދިންނަށް ހާއްސަ ގޭމްތައް ހިމަނައިގެން ކިޑް ޒޯނެއް ވެސް އެ ހަރަކާތުގައި ކުރިއަށްދާނެ އެވެ. އެ އިވެންޓްގައި ކާބޯތަކެތި ވިއްކާ ފުޑް ސްޓޯލްތައް ވެސް ހުންނާނެ އެވެ. 

ދިރާގުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން ދެ ވަނަ ނަސީބުވެރިއާއަށް ވެސް ލިބޭނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓަކީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ އުޅަނދެކެވެ. މިއީ މަހަށް ދިއުމާއި އެކި އެކްސްކާޝަންތަކާއި ކުރު ދަތުރުތަކަށް އެންމެ އެކަށޭނެ އެއްޗެކެވެ. 

ދެ ސްޕީޑް ބޯޓު ހުށަހަޅައި ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވީ މިދިޔަ ޖެނުއަރީ މަހު އެވެ. 

ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓުގެ ލަކީޑްރޯގައި ބައިވެރިވެވޭނީ މިއަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށެވެ. 

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450ރ. އިން މަތީގެ  ރީލޯޑު ކުރި ކަސްޓަމަރުންނާއި ދިރާގު ޕޯސްޓްޕެއިޑް 450އިން މަތީގެ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. އިން މަތިން ބިލް ދައްކައިގެން ޕްރޮމޯޝަނަށް އެންރޯލްކުރި ކަސްޓަމަރުންނަށެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް އިން މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. 

މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭ އަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް، ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމުގެ ފުުރުސަތު ވެސް ވަނީ ދީފަ އެވެ. 

ދިރާގުން ދޭ ސްޕީޑްބޯޓުގެ ލަކީޑްރޯ ނަގަން ބާއްވާ ހަރަކާތް ކުރިއަށް ދާނީ މާދަމާ ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުގަ އެވެ.