ދަ ހޯކްސްއިން ކާރު ވިއްކުމަށާއި ކާރުތަކަށް ބޭނުންވާ މެއިންޓަންނަންސް ހިދުމަތްތަކަށް ހާއްސަކޮށް ހުޅުވި 'އޮޓޯސްފިއާ' ގައި ދުނިޔޭގެ ނަން މަޝްހޫރު އެކި ބްރޭންޑުތަކުގެ އިލެކްޓްރިކް ވެހިކަލް (އީވީ) ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށް އެތަނުން ބުނެފި އެވެ.
އޮޓޯސްފިއާއިން ބުނީ ދުނިޔޭގެ އޮޓޮމޯޓިވް އިންޑަސްޓްރީން މިހާރު ވަނީ އާ ޓެކްނޮލޮޖީއާ އެކު އިލެކްޓްރިފިކޭޝަނަށް މިސްރާބު ޖަހާފައި ކަމަށެވެ. އަދި އިލެކްޓްރިކް ވެހިކަލްތަކު ބެޓެރި ޓެކްނޮލޮޖީ މިހާރު އިތުރަށް ތަރައްގީވެފައި ވާއިރު، ދުއްވުމުގެ ރޭންޖު އިތުރުވެ، މިފަދަ ވެހިކަލްތަކަށް ބޭނުންވާ މެއިންޓެނަންސް ވެސް މިހާރު ކުޑަވެފައިވާ ކަމަށެވެ.
ދުނިޔޭގައި އިލެކްޓްރިކް ވެހިކަލްތަކަށް އޮތް މަގުބޫލުކަން އިތުރުވެ، އެ ވެހިކަލްތަކަށް އޮތް ޑިމާންޑު އިތުރުވަމުން ދާއިރު، ރާއްޖޭގައި ވެސް އިލެކްޓްރިކް ވެހިކަލްތައް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އޮޓޯސްފިއާއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގައި އީވީއަށް އޮތް ޑިމާންޑު އިތުރުވަމުންދާއިރު، އެ އުޅަނދުތައް ފޯރުކޮށްދީ، އެ ފަދަ އުޅަނދުފަހަރުތައް ފޯރުކޮށްދޭނެ ލީޑިން ކުންފުންޏަށް ވުމެވެ. އެގޮތުން އެތަނުން މިހާރު ވެސް ބައިޑް، ބީއެމްޑަބްލިއު، މާސެޑީޒް-ބެންޒް، މިނީ އަދި ނީސާން ފަދަ ބްރޭންޑުތަކުގެ އިލެކްޓްރިކް ވެހިކަލްތައް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
ރާއްޖެ ފަދަ ތިމާވެށީގެ ނޭދެވޭ އަސަރުތައް ބޮޑު ގައުމެއްގައި، އެކި ދާއިރާތަކުން ސަސްޓެއިނަބަލް ޕްރެކްޓިސްތަކަކަށް ހޭނެމުން ދާއިރު، ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ވެސް ތިމާވެއްޓާ ރައްޓެހި ހައްލުތައް ގިނަ ބަޔަކު ބޭނުންވެ އެވެ. އޮޓޯސްފިއާއިން ފޯރުކޮށްދެނީ އެ ހައްލުތަކެވެ.
އެތަނުން ވިއްކާ އިލެކްޓްރިކް ވެހިކަލްތަކަކީ ތިމާވެއްޓާއި ރައްޓެހި، ރާއްޖޭގެ މާހައުލާއި ގުޅޭ އަދި މެއިންޓެނަންސް ކުރަންޖެހޭ މިންވަރު ކުޑަވާނެ ވެހިކަލްތަކެކެވެ.
އޮޓޯސްފިއާއިން ބުނީ އެތަނުން ރާއްޖެއަށް މި ބޭނުންވާ ބަދަލުގައި ބައިވެރިވުމުގެ ގޮތުން، ވީހާ ވެސް ފަސޭހައިން އެފަދަ އުޅަނދުތައް ގަނެވޭނެ މަގު ތަނަވަސްކޮށްދީ، އެ އުޅަނދުތަކަށް ބޭނުންވާ އާފްޓަސޭލްސް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ ރާއްޖޭގައި ވެހިކަލްތައް ދުއްވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.