ހޯކްސް ހޮޓެލްސްއިން ކްލިކް ޕޭއާ އެކު ޕާޓްނާޝިޕެއް ގާއިމްކޮށް، ރަޝިއާގެ ބޭންކް ކާޑުތައް ބޭނުންކޮށްގެން ރަޝިއަން ރުބަލް އިން ހޮޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެ އެއްބަސްވުމުގެ ދަށުން، ހޯކްސްގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ހޮޓަލުގެ ހިދުމަތްތަކާއި އެކްސްކާޝަންތަކާއި ސްޕާގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްތަކާއި އެހެނިހެން އިތުރު ހަރަކާތްތަކަށް ސީދާ ރުބަލް އިން ފައިސާ ދެއްކޭނެ އެވެ.

އެއީ ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް ފަސޭހައިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހިދުމަތް މިހާރު ވަނީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ބ. ކަމަދޫގައި ހުންނަ ހޯކްސްގެ ހޮޓާތަކުގައި ތައާރަފުކޮށްފަ އެވެ.

ރަޝިއާ ބޭންކު ކާޑުތަކުން ފައިސާ ދެއްކުމަށް، ޓޫރިސްޓުން ހޮޓަލުގެ ރިސެޕްޝަނުން ކްލިކް ޕޭ ޕޭމަންޓް ލިންކަކަށް އެދުމުން ދޫކުރާ ކިއުއާރު ކޯޑު ސްކޭންކޮށްލުމަށްފަހު ރަޝިއާ ބޭންކް ކާޑުން ފައިސާ ދެއްކޭނެ އެވެ. އެ ޕްލެޓްފޯމުން ފައިސާ ދެއްކުމުގެ ކުރިން ޖުމްލަ އަދަދާއި އެކްސްޗޭންޖް ރޭޓް އަދި ރޫބަލް އިން ދައްކަންޖެހޭ އަދަދު ފެންނަން ހުންނާނެ އެވެ. 

ހޯކްސް ހޮޓެލްތަކުގައި އަލަށް ތައާރަފް ކުރި ހިދުމަތާއި ގުޅޭގޮތުން ހޯކްސް ހޮޓެލްސްގެ ހެޑް އޮފް ކޮމާޝަލް ޑިވެލޮޕްމަންޓް ފަތުހުﷲ ނަސީރު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ކަންކަން ވީހާ ވެސް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކްލިކް ޕޭއާއެކު ފެށި މަސައްކަތުގެ ސަބަބުން ރަޝިއާގެ ކާޑު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި ފަތުރުވެރިންގެ ތަޖުރިބާ މުއްސަނދިކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބައެއް،" އޭނާ ވިދާޅުވި އެވެ. 

ހޯކްސް ހޮޓެލްސްއަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް އޮފް ދަ މޯލްޑިވްސްގެ ދަށުން ބ. ކަމަދޫ ބިނާކޮށްފައިވާ ފަޚުރުވެރި މޯލްޑިވިއަން ހޮސްޕިޓަލިޓީ ބްރޭންޑެކެވެ. ސްވަރން ބައި ހޯކްސް އާއި ވިންގްސް ބައި ހޯކްސް އާއި ބަޔޮސްފިއާ ބައި ހޯކްސް އަދި ނެސްޓް ބައި ހޯކްސް ފަދަ ބައެއް ބޫޓިކް ޕްރޮޕަޓީތައް ހިންގާ އެ ބްރޭންޑުން މެހެމާނުންނަށް ހޫނު މެހެމާންދާރީއާއެކު ޖަޒީރާ ތަޖުރިބާތަކެއް ފޯރުކޮށްދެ އެވެ.

ހޯކްސް ހޮޓެލްސް އަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ކަމަދޫގައި ހޮޓާތައް ހިންގާ ދިވެހި ބްރޭންޑެކެވެ. އެ ބްރޭންޑުން މަސައްކަތް ކުރަނީ އެންމެ ފުރިހަމަ ދިވެހި ލޯކަލް ތަޖުރިބާތައް ޓޫރިސްޓުންނަށް ފޯރުކޮށްދިނުމަށެވެ.