ފ. އަތޮޅުގައި ހޯކްސްގެ ފުރަތަމަ ފިއުލް ސްޓޭޝަން އެ އަތޮޅު ބިލެއްދޫގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ. 

އެ ކުންފުނިން ސިފަކުރި ގޮތުގައި އިތުރު އަތޮޅަކަށް ތެޔޮ ވިއްކުމުގެ ހިދުމަތް ފުޅާކުރެވުމަކީ ލިބުނު ކުރިއެރުމެކެވެ. 

ހޯކްސް އިން ބުނީ، އާ ފިއުލް ސްޓޭޝަނާ އެކު ވިޔަފާރިތަކާއި އާއްމުންނަށް ތެޔޮ ހޯދުމަށް އިތުރު ލުޔެއް ލިބިގެން ދާނެ ކަމަށެވެ. އެ ރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން މިހާރު ވިއްކާ އަގުތަކަށް ވުރެ ރަނގަޅު އަގެއްގައި އެ ކުންފުނީގެ ސްޓޭޝަނުން ތެޔޮ ލިބެން ހުންނާނެ ކަމަށް ހޯކްސް އިން ބުންޏެވެ.

އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ށ. ފީވަކުގައި ފިއުލް ސްޓޭޝަނެއް ހެދުމަށް މިހާރު ބިމެއް ގަނެފައިވާ ކަމަށް ހޯކްސް އިން ބުންޏެވެ.

އެއީ އެ އަތޮޅުގައި ހޯކްސްއިން ހަދާ ދެ ވަނަ ފިއުލް ސްޓޭޝަނެވެ. އެ ކުންފުނީގެ ފިއުލް ސްޓޭޝަނެއް ށ. ފޭދޫގައި ވެސް ހުރެ އެވެ.

ހޯކްސްއިން އަލަށް ހުޅުވި ފިއުލް ސްޓޭޝަނާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ޖުމްލަ 22 ސްޓޭޝަން ހުރެ އެވެ.