ކަސްޓަމަރުން ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރަށް ފަސޭހަކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްގެ މޮބައިލް އެޕް އަދި އިންޓަނެޓް ބޭންކިން އަށް ބަދަލުތަކެއް ގެނެސްފި އެވެ.
މި ގެނައި އަޕްޑޭޓާ އެކު، ބީއެމްއެލްގެ ޗެޓްބޮޓް 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި އަވަސް ހައްލެއް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުން އިތުރަށް ހަލުވިވެ ފަސޭހަވާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
މި ބަދަލާ އެކު، މޮބައިލް ބޭންކިން އެޕް އަދި އިންޓަނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިން ފީޗާ މެދުކަނޑާލާނެ އެވެ.
މިއީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުންޏެވެ.