ރާއްޖެ އިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު، މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑާ' ފީ ނެގުން މިހާރު ހުއްޓާލާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފި އެވެ.

ކްރޮސް ބޯޑާ ފީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުން ވެސް މިފަދަ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. ބީއެމްއެލްގެ ކާޑުގެ ހިދުމަތް ތައާރަފުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މި ބާވަތުގެ މުއާމަލާތްތަކުން ފީ ނަގާ ކަމަށް ބުންޏެވެ.

ނަމަވެސް، ރެއިން ފެށިގެން އެ ފީ ނެގުން ހުއްޓާލާފައިވާ ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބީއެމްއެލް އިން މިއަދު ބުންޏެވެ. 

މީގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1،200 ޑޮލަރުގެ ލިމިޓް އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުންޏެވެ.

"މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ،" އެ މެސެޖުގައި ވެ އެވެ.

ކްރޮސް ބޯޑާ ފީ ނެގުން ބީއެމްއެލް އިން މި ހުއްޓާލީ، ރާއްޖޭން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު، އިތުރު ފީއެއްގެ ގޮތުގައި ބޮޑު އަދަދެއް ކެނޑިފައިވާ ކަމަށް ބުނެ، ބޭރުގައި ކިޔަވާ ގިނަ ދަރިވަރުން އެކަމުގެ ޝަކުވާ ސޯޝަލް މީޑިޔާގައި ކުރަމުންދަނިކޮށެވެ.