އޮގަސްޓް މަސް ނިމުމުގެ ކުރިން ބޮޑުތަކުރުފާނު މަގުގައި ފެންހިންދާ ތިން ޕަމްޕް ބަހައްޓާ ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ، މާލޭ ބޭރު މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކުރީ އެ މަސައްކަތްވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އާންމުންނަށް މަގު ބޭނުން ކުރަން ހުޅުވާލި ނަމަވެސް، ފުރިހަމަ ކުރަން ޖެހޭ އެހެން ކަންކަން އެ މަގުގައި ކުރިއަށްދާ ކަން ކުރިން ވެސް އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީއިން ބުނީ، މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕް މަސައްކަތް އަދި ފުރިހަމަ ނުކުރެވި އޮތް ނަމަވެސް، އަންނަ މަހުގެ 15 ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މި މުއްދަތުގައި މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތް އެކުންފުނިން ކުރަމުން ގެންދާނެ ކަމަށް ވެސް އެމްޓީސީސީއިން ބުންޏެވެ.
މާލޭގެ ބޮޑު ތަކުރުފާނު މަގުގައި އެހި ފިޔަވަހިތަކަށް ބަހާލައިގެން ތާރު އަޅާ، ޒަމާނީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހެދި ބައި މިދިޔަ ހުކުރު ދުވަހު ހުޅުވާފައިވެ އެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުގެ ބާކީ ތަރައްގީ ނުކޮށް އޮތް ސަރަހައްދު، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.