އިގްތިސާދުގައި އިތުރަށް ދައުރުވާ ފައިސާ މަދުކުރުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އިތުރު ފިޔަވަޅުތައް އަޅަން ނިންމައި، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ރުފިޔާގެ ރިޒާވް މަތިކުރަން ނިންމައިފި އެވެ.
އެމްއެމްއޭ އިން އިއްޔެ ބުނީ، އެ އިދާރާގެ ބޯޑުން ނިންމާފައިވަނީ ދިވެހި ފައިސާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް، ރުފިޔާގެ މިނިމަން ރިކުއާމެންޓް (އެމްއާރްއާރް) މަތިކޮށް އަދި އޯޕަން މާކެޓް އޮޕަރޭޝަން ހިންގައިގެން ދައުރުވާ ފައިސާ އިތުރަށް މަދުކުރުމަށް ކަމަށެވެ.
އެގޮތުން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިންވަރު 10.5 ޕަސެންޓުން 11 ޕަސެންޓަށް އަންނަ މަހުން ފެށިގެން މަތި ކުރާނެ އެވެ. އަދި އަންނަ އަހަރުގެ ކޮންމެ ތިން މަހަކުން އެ އަދަދު މުރާޖައާކޮށް، ރުފިޔާގެ އެމްއާރްއާރް މަތިކުރާނެ ކަމަށް ބުންޏެވެ. އެ އަހަރު ނިމޭއިރު އެމްއާފްއާރް 13 ޕަސެންޓަށް މަތިކުރަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެމްއެމްއާރްއަކީ ބޭންކުތަކަށް ލިބޭ ޑިޕޮސިޓްގެ ތެރެއިން މަރުކަޒީ ބޭންކުގައި ބަހައްޓަން ލާޒިމްކުރާ އަދަދެކެވެ. ބޭންކުތަކަށް ލޯނު ދޫކުރުމާއި އެ ނޫން ބޭނުންތަކަށް ބޭނުން ކުރެވޭނީ އެމްއާރްއާރްގެ ގޮތުގައި ބަހައްޓާ ފައިސާގެ އިތުރަށް، ބާކީ ހުންނަ ފައިސާއިންނެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، އެ އިދާރާ އިން ފަށާފައިވާ އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) 10 ބޭސިސް ޕޮއިންޓަށް ނުވަތަ 0.10 ޕަސެންޓަށް އިތުރު ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެމްއެމްއޭއިން ކުރިން ބުނެފައިވަނީ އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާ އަށް ދަށްކުރުން ކަމަށެވެ. އޯއެމްއޯގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް އެންމެ ފުރަތަމަ އެމްއެމްއޭއިން ފެށީ މިދިޔަ އަހަރުގެ ޖުލައި 23 އިން ފެށިގެންނެވެ.
މިދިޔަ ޖުލައި މަހުގެ ނިޔަލަށް އޯއެމްއޯ މެދުވެރިކޮށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ އެމްއެމްއޭ އަށް ވައްދާފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. އަދި ޝޯޓް ޓާމް ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން އެ އިދާރާ އަށް އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ ސަރުކާރުން އެކި ދުވަސްވަރު މަތިން ޗާފުކޮށްފައި ފައިސާގެ އަދަދެވެ.
ޑޮަލަރުގެ މައްސަލަ ހައްލުކުމުގެ ގޮތުން އެމްއެމްއޭ އިން މިދިޔަ އަހަރުގެ ޖުލައި މަހު، ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަންޖެހޭ ފައިސާގެ އަދަދު 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފައިވެސް ވެ އެވެ. އެކަމަކު، ރާއްޖޭގައި އަދިވެސް ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބިފައެއް ނުވެ އެވެ. ކަޅު ބާޒާރުގައި މިހާރު ވެސް ޑޮލަރެއް އުޅެނީ 21ރ. އިން މަތީގަ އެވެ.
ޑޮލަރު ތާށިކަން އެހާ ބޮޑަށް އިތުރުވި އިރު، ދައުލަތުން ބޮޑެތި އަދަދުތަކުން ނެގި ދަރަނިތައް ދެއްކުމަށް ޑޮލަރުގެ ރިޒާވް އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް މި އަހަރުގެ ކުރީކޮޅު ދެއްކީ ރިޒާވުން ވަކި އަދަދެއް ބޭނުންކޮށްގެންނެވެ.