މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހު ފަށާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ރިސާޗް ކޮންފަރެންސްގެ ތީމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުމެވެ.
އެ ހާއްސަ ކޮންފަރެންސްގައި ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެ ގޮތުގެ މަޝްވަރާތައް ކުރާނެ އެވެ. އަދި މި ކޮންފަރެންސްގައި ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެގެން ދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި އަހަރުގެ ރިސާޗް ކޮންފަރެންސްގައި މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެޅޭނެ ފިޔަވަޅުތަކަށް ވަނީ އެމްއެމްއޭއިން އަމާޒުކޮށްފަ އެވެ. އަދި މާލީ ހަމަޖެހުމާއި އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސާއި އިގްތިސާދު ސިންދަފާތު ކުރުމާއި ޑިޖިޓަލް ފައިނޭންސިންއާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ. އަދި މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ފަދަ އެތައް މައުލޫއަކަށް ވާހަކަ ވެސް އަމާޒުކުރާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ އެ ކޮންފަރެންސްގެ މަގުސަދަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. އަދި ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާ ކުރުމަށް ހިތްވަރު ދިނުމެވެ.
މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުދި ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ އެވެ.
އެމްއެމްއޭއިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރު އެވެ.