މިއަހަރުގެ ބަޖެޓުން ހައުސިން މަޝްރޫއުތަކަށް މިހާތަނަށް ހޭދަކުރީ 273 މިލިއަން ރުފިޔާ ކަން ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ނުވަ މަސް ތެރޭ ހައުސިން މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ 25 ޕަސެންޓެވެ. ހައުސިން މަޝްރޫއުތަކަށް ބަޖެޓުގައި 1.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ހައުސިން މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 131 މިލިއަން ރުފިޔާ އެވެ. 

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 8.3 ބިލިއަން ރުފިޔާ ކަނޑައަޅަައިފައިވެ އެވެ. އޭގެ ތެރެއިން 15 ޕަސެންޓް ހާއްސަކޮށްފައިވަނީ ހައުސިން މަޝްރޫއުތަކަށެވެ.

ބަޖެޓުގެ ބޭރުން ވެސް ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ހައުސިން މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ހުޅުމާލޭގައި ފްލެޓްތަކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފަސް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން 3،260 ފްލެޓުގެ އިމާރާތް ކުރުމުގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހު ވަނީ ފަށައިފަ އެވެ.

މިއަހަރު އެންމެ ބޮޑު އިސްކަމެއް ދިނުމަށް ބަޖެޓް ފޮތުގައި ނިންމާފައި އޮތީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތައުލީމާއި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށެވެ.

މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުން ހޭދަކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.