އަންނަ އަހަރުގެ ދޯހާ މެރަތަންގައި ބައިވެރިވުމުގެ 10 ފުރުސަތު ދޭ ހާއްސަ ގިވްއަވޭއެއް އުރީދޫން ފަށައިފި އެވެ.
އުރީދޫ ގްރޫޕުން އިންތިޒާމުކޮށް ގަތަރުގެ ދޯހާގައި ބާއްވަނީ، ދުވުމަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވާ ދުވުމެކެވެ.
މިއީ، އުރީދޫ ގްރޫޕުން ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ މަސައްކަތުގެ ދަށުން މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ބައިނަލްއަގުވާމީ ދުވުމެވެ.
މި ގިވްއަވޭގައި 10 ނަސީބުވެރިން ހޮވަން ހަމަޖެހިފައިވާއިރު، ކޮންމެ ފަރާތަކަށް ވެސް އުރީދޫ ދޯހާ މެރެތަން 2027 ގައި ބައިވެރިވުމަށް ހިލޭ ރަޖިސްޓްރޭޝަން ލިބޭނެ އެވެ. މި ގިވްއަވޭއަށް ހޮވޭ ފަރާތްތަކުން ދަތުރުފަތުރާއި ހުރުމާއި އެހެނިހެން ހަރަދުތައް ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށެވެ.
މި ދުވުމުގައި ބައިވެރިންގެ ދުޅަހެޔޮކަމާއި ދުވުމުގެ އަމާޒުތަކަށް ބިނާކޮށް، ރޭހުގެ ހަތަރު ކެޓަގަރީގެ ތެރެއިން ކެޓަގަރީއެއް ހިޔާރު ކުރެވޭނެ އެވެ. އެ ދުވުމުގެ ކެޓަގަރީތަކަކީ:
- 5 ކިލޯމީޓަރު ދުވުން
- 10 ކިލޯމީޓަރު ދުވުން
- ހާފް މެރަތަން
- ފުލް މެރަތަން
މިއީ އެކި ފެންވަރުގެ ދުވުންތެރިންނަށް ބައިވެރިވެވޭނެ ދުވުމެކެވެ.
އުރީދޫން ބުނީ އެ ކުުންފުންޏަކީ ހަރަކާތްތެރިވެ އުޅުމަށް ބާރު އަޅާ، ދުޅަހެޔޮކަން ޕްރޮމޯޓުކޮށް، ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. ދޯހާ ދުވުމުގެ ގިވްއަވޭ އަކީ އެ މަގުސަދުގައި، ދިވެހި ދުވުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ގިވްއަވޭއެއް ކަމަށް ބުންޏެވެ.
މި ގިވްއަވޭ އަށް އުރީދޫ ވެބްސައިޓުން މާދަމާގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ އެވެ.