އުރީދޫން ކ. ދިއްފުށީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން، އެ ކުންފުނީގެ 'ގްރޯ ވިތު އުރީދޫ' އިސްނެގުމުގެ ދަށުން އެ ރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ދިއްފުށީގެ ގިނަ ބަޔަކު ބައިވެރިވި އެ ހަރަކާތުގެ ދަށުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދާފައި ވާއިރު، މިއީ ރަށުގެ ފެހިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގުރާމެއް ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ އެއީ ދިއްފުށީގެ ފެހިކަން އިތުރު ކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހިންގި ހަރަކާތެއް ކަމަށެވެ.

އެ ހަރަކާތަށް ބޭނުންވާ ގަސްތައް ހަދިޔާ ކުރީ އެޗްޑީސީންނެވެ.

"ގްރޯ ވިތު އުރީދޫ" މެދުވެރިކޮށް، އުރީދޫން އަންނަނީ ތިމާވެއްޓާ މެދު ޒިންމާދާރުވުމަށް ބާރު އެޅުމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި މުޖުތަމައުތަކާއި އެކި ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.