ހަކަތަ އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަން ސްޓެލްކޯ އިން ކުރިއަށް ގެންދާ ސޭވް އެނާޖީ ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" އިފްތިތާހުކޮށްފި އެވެ.
މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު، އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހުޅުދޫ އަދި މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ސެޝަންގަ އެވެ.
އެ ސެޝަންގައި އަޒުވަރު ވިދާޅުވީ، މިއަދަކީ ސްޓެލްކޯގެ ތާރީހުގައި މުހިންމު ފިޔަވަޅެއް އެޅި ދުވަހެއް ކަމަށާއި މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށެވެ. އަދި މިއީ ގައުމީ ފެންވަރުގައި އެންމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއްކަން ފާހަގަކުރެއްވި އެވެ.
އަޒުވަރު ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިސާދަށާއި ތިމާވެއްޓަށްޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ.
ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި ކޮންމެ މަހެއްގެ ކަރަންޓު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި އެއީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށް ވެސް އަޒުވަރު ވިދާޅުވި އެވެ.
މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމެވެ. އެގޮތުން ބޭކާރު ގޮތުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވާލުމާއި ގިނައިރުތަކަކަށް ބޭރަށް ދާ ނަމަ އޭސީ ނިއްވާލުމަކީ މުޅި ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ވެވޭ ބޮޑު އެހީތެރިކަމެއްކަން ހަނދާންކޮށް ދެއްވައި، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގްތިސާދު ކުރެވޭނެ މަގުތައް ދައްކުވައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމަޔަށް މި ކެމްޕެއިންގެ ސެޝަންތަކުގެ ތެރެއިން ވާސިލްވާނެ ކަމަށެވެ. އަދި ހަމައެކަނި ވާހަކަތަކެއް ދައްކާލުމުގެ ބަދަލުގައި، ކަރަންޓު އިސްރާފުކުރުން ގައުމީ ފެންވަރުގައި ބޮޑުތަނުން ދަށްކޮށް، އަތުން ހިފޭ ފަދަ ހަގީގީ ނަތީޖާއެއް ނެރުމަކީ މި މަސައްކަތުގެ އަމާޒު ކަމަށް ވިދާޅުވި އެވެ.
އަޒުވަރު ވަނީ މި ގައުމީ މަސައްކަތުގައި އެންމެން ވެސް ބައިވެރިވެ، އަމިއްލަ ގޭބިސީންނާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމަށް ގޮވާލައްވައިފަ އެވެ.