ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީވީ އާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވާ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) އުސޫލުން ގާއިމުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ގޯޝެން އެނާޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދު އެވެ.
ސްޓެލްކޯއިން ބުނީ އަލަށް ސޮއިކުރެވުނު 150 މެގަވޮޓްގެ އެ ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ގައުމީ އަމާޒުގެ 60 ޕަސެންޓު ހާސިލް ވާނެ ކަމަށެވެ.
އެ މަޝްރޫއުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ގައުމަށް ލިބިގެންދާނެކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހަރަދާއި ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ.
އޭގެ ސަބަބުން ގައުމީ ތަރައްގީގެ އެހެނިހެން މުހިންމު ދާއިރާތަކަށް އެ ފައިސާ ހޭދަކުރުމުގެ ފުރުސަތު ސަރުކާރަށް ތަނަވަސްވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އޭގެ އިތުރުން ތިމާވެށީގެ ގޮތުން ބަލާއިރު، އެ މަޝްރޫއުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198,283 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެސް މި މަޝްރޫއު ވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ރާއްޖޭގައި މިހާރު ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށެވެ. އަދި ތެލަށް ކުރާ ހޭދަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 ޕަސެންޓަށް އަރާއިރު، މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސް ވަނީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 28 ވަނަ ކޮންފަރެންސް އޮފް ޕާޓީސް (COP28) ގައި އިއުލާނު ކުރައްވައިފަ އެވެ.