މަރުކަޒީ ބޭންކު، އެމްއެމްއޭއިން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ"ގައި ފަހިޕޭ ޕްރައިވެޓް ލިމިޓެޑް ރަސްމީކޮށް ބައިވެރިވެ، އެ ނިޒާމުގެ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަވަރަގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ފަހުގެ ބައިވެރިއެއްގެ ގޮތުގައި ފަހިޕޭއިން މި ހިދުމަތްތައް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

އެއާއެކު، ފަހިޕޭ ވެފައި ވަނީ ރާއްޖޭގައި ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރައާ ގުޅުނު ދެވަނަ ފަރާތަށެވެ.

މި ބަދަލާއެކު، ފަހިޕޭ ވޮލެޓް ބޭނުންކުރާ މީހުންނަށް ބޮޑު އަޕްގްރޭޑެއް ވަނީ ލިބިފަ އެވެ. އެގޮތުން، ކޮންމެ ކަސްޓަމަރަކަށް ވެސް ބޭންކު އެކައުންޓެކޭ އެއްފަދައިން އަމިއްލަ އެކައުންޓް ނަންބަރެއް މިހާރު ލިބޭނެ އެވެ.

މީގެ ސަބަބުން ފަހިޕޭ ވޮލެޓާއި ރާއްޖޭގެ ކޮންމެ ބޭންކަކާ ދެމެދު ވެސް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމުގެ ފަސޭހަކަން ކަސްޓަމަރުންނަށް ވަނީ ހުޅުވިފަ އެވެ.

ފަވަރަ މެދުވެރިކޮށް ފަހިޕޭގެ ކަސްޓަމަރުންނަށް މިހާރު ލިބެންހު ރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފަވަރަ ޓްރާންސްފާ: އެއް އެކައުންޓުން އަނެއް އެކައުންޓަށް ވަގުތުން ފައިސާ ފޮނުވުން.
  • ފަވަރަ ރިކުއެސްޓް: ފައިސާ ދެއްކުމަށް އެދި ރިކުއެސްޓް ފޮނުވުން.
  • ފަވަރަ އައިޑީ: އެކައުންޓް ނަންބަރުގެ ބަދަލުގައި ފޯނު ނަންބަރު ނުވަތަ އީމެއިލް ފަދަ ފަސޭހަ އައިޑީއެއް ބޭނުންކޮށްގެން މުއާމަލާތްކުރުން.
  • ފަވަރަ ރީކޯލް: އޮޅިގެން ފޮނުވޭ ފައިސާ އަނބުރާ ހޯދުމަށް އެދި ހުށަހެޅުން.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އެންމެންނަށް މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، މާލީ ބައިވެރިވުން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ދަތުރުގައި އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ފަހިޕޭއިން ބުންޏެވެ.

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އެމްއެމްއޭ އިން ފަވަރަ ތައާރަފުކުރީ އޮގަސްޓް 2023ގަ އެވެ. 

އެމްއެމްއޭއިން އަންނަނީ ފަވަރަ މެދުވެރިކޮށް ހިންގާ ޑިޖިޓަލް މުއާމަލާތްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.