ރޯދަމަހާ އެކު ބާޒާރުގައި ދިވެހި އުފެެއްދުންތަކުގެ އަގުބޮޑުވެ، އާއްމުންގެ ހާސްކަން ބޮޑު ވެއްޖެ އެވެ.
ހާއްސަކޮށް މިފަހަރު ރޯދަމަސް ފެށުނުއިރު ކާއްޓާއި މިރުހާއި ކަރަލާއި ދޮންކެޔޮ އަދި ލުނބޯ ފަދަ ބާވަތްތަކުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ކުރިން ފަސް ރުފިޔާއަށް ވިއްކި ކާއްޓެއްގެ އަގު މިހާރު އުޅެނީ 10ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ރޯދަމަސް ފެށުމުގެ ކުރިން 100 ގްރާމް 35ރ. އާއި 60ރ. އާ ދެމެދުގެ އަގެއްގައި ވިއްކި ގިތެޔޮ މިރުސް މިހާރު ވަނީ 70ރ. އަށް އުފުލިފަ އެވެ. ބާޒާރުގައި މިވަގުތު އާއްމުކޮށް މިރުސް ކިލޯއެއްގެ އަގު އުޅެނީ 200ރ. އާއި 600ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކަރާ ކިލޯއެއްގެ އަގު ވަނީ 15ރ. އާއި 25ރ. އާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ. ދޮންކެޔޮ ވަކެއް ފަސް ރުފިޔާ އަށް އުފުލިފައިވާއިރު ހެޔޮވަރު ސައިޒުގެ ދޮންކެޔޮގަނޑެއްގެ އަގު އުޅެނީ 500ރ. އަށް ވުރެ މަތީގަ އެވެ.
ބާޒާރުން ދިމާވި މީހަކު ބުނީ މިއިން ޒަމާނަކު ވެސް މިރުހާއި ކާށީގެ އަގު ބޮޑުނުވާ މިންވަރަށް މިފަހަރު ބޮޑުވެފައިވާ ކަމަށެވެ.
"އާއްމުކޮށް ބާޒާރުން މީގެ ކުރިން ހެޔޮވަރުގެ ކާއްޓެއް ފަސް ރުފިޔާއަށް ލިބޭ. އެކަމަކު މިހާރު އެހެރީ 30ރ. އަށް. މިއީ ތަންކޮޅެއް ބޮޑުވަރު. ރޯދަމަސް އައިއޭ ކިޔާފައި ތަކެތީގެ އަގު މިހާ ބޮޑުކުރާކަށް ނުވާނެ،" އެ މީހާ ބުންޏެވެ.
ބާޒާރުގައި ކޮންމެ އަހަރަކު ވެސް ރޯދައާ ދިމާކޮށް ކަރަ އާއި މިރުހާއި ދޮންކެޔޮ އަގު އާއްމުކޮށް ބޮޑުވެ އެވެ. ނަމަވެސް މިފަހަރު އެތަކެތީގެ އަގު މިދިޔަ އަހަރަށް ވުރެ އެތައް ގުނައެއް ވަނީ އުފުލިފަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނަނީ ރަށްރަށުން ލިބޭ މިންވަރު މަދުވުމާއި މޫސުމް ގޯސްވުމުން ތަކެތި ގެންނަން ދަތިތަކަކާ ކުރިމަތިވުމުން ކަމަށެވެ.
"ކުރިން ވެސް ރަށްރަށުން ގެންނަ މިންވަރަށް އެބަގެނޭ. އެކަމަކު ރޯދަމަސް ފެށުމާއެކު ކުއްލިއަކަށް ބޮޑުކުރަނީ ކިތަންމެ ބޮޑު އަގެއްގައި ވިއްކިޔަސް ގޮތެއް ނެތިގެން ގަންނާނެކަން އެނގޭތީ،" އެ މީހާ ބުންޏެވެ.
އާއްމުކޮށް ރޯދަ މަހު އާއްމުކޮށް ބޭނުންކުރަނީ ރާއްޖޭގައި ހައްދާ މިރުހާއި ކަރަލާއި ދޮންކޭލެވެ. ނަމަވެސް ބައެއް ފަހަރު ޑިމާންޑާ އެއްވަރަށް ސަޕްލައިނުކުރެވޭތީ ރާއްޖެއިން ބޭރުން ވެސް އެތަކެތި ގިނަ އަދަދަކަށް އެތެރެކުރެ އެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ހުރި ފުވައްމުލަކު މީހަކު ބުނީ މިފަހަރު ރޯދައާ ދިމާކޮށް ރަށް ރަށުން ތަކެތި ލިބޭ މިންވަރު މަދުވެފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނީ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ކަމަށެވެ.
"ހާއްސަކޮށް މިރުހާއި ފަތްކެޔޮ ގަސްތައް ގިނަ އަދަދަކަށް ހަލާކުވެފައި ވަނީ. ކަރާ ދަނޑުތަކަށް ވެސް ގެއްލުން ލިބިގެން ރަށްރަށުން ލިބޭ މިންވަރު މަދު،" އެ މީހާ ބުންޏެވެ.