އެގްރިކަލް މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްރަށުން ރޯދަމަހު ކާއްޓާއި ކުރުނބާ ގެންނަން އާންމުކޮށް ހުޅުވާލުމުން ކުރިމަތިލީ މީހުންނަށް ފުރުސަތު ދީފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހާ ދިމާކޮށް ކާށީގެ އަގު އުފުލި މިހާރު އުޅެނީ 10-50ރ އާ ދެމެދުގަ އެވެ. މާލެ އިން ކުރުނބާ ވިއްކަން ހުރީ 15ރ. އިން މަތީގެ އަގުތަކުގަ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްރަށުން އެ އެއްޗެހި ގެންނަން ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކޮށް 26 ފަރާތަކުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ދެ ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ އެރަށްރަށުން އެ އެއްޗެހި ގެންނަ މީހުންނަށް ހުއްދަ ދެނީ ވިއްކަން ޖެހޭނެ އަގެއް މިނިސްޓްރީން ހަމަޖެއްސުމަށް ފަހު ކަމަށެވެ. އެގޮތުން ކާއްޓެއް ހަތް ރުފިޔާއަށް އަދި ކުރުނބައެއް 12 ރުފިޔާ އަށް ވިއްކަން ޝަރުތުކުރާ ކަމަށް ވިދާޅުވި އެވެ.
"ރަށް ހަލާކުނުކުރުމަށާއި ރަށު ތެރޭގައި އުޅޭއިރު ބަލަހައްޓަން ޖެހޭ ކަންތައްތަކެއް ހުންނާނެ. އެކަންކަމަށް އެއްބަސްވުމުން ހުއްދަ ދެން،" ޝައިނީ ވިދާޅުވި އެވެ.
"ދެން އެމީހަކަށް ފަސޭހަ ހިސާބަކުން، ރަށަކުން، އެއީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އޮންނަ ރަށަކަށް ވެއްޖެ ނަމަ ކޮންމެ ރަށަކުން ވެސް ހުއްދަ ލިބޭނެ. ހަމަ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ."
ރާއްޖެ އިން ލިބެން ހުރި އެ ދެ ބާވަތުގެ އެއްޗެހި ހޯދަން ސަރުކާރުގެ ފަޅުރަށްރަށް ހުޅުވާލީ އެއްވެސް އަގަކާ ނުލަ އެވެ.
ޝައިނީ ވިދާޅުވީ އެގްރިކަލްޗާ މިނިސްޓްރީގެ ދަށުގައި ހުރި ރަށްރަށުން ތަކެތި ގެންނަން ފެށުމުން އަގަށް ބަދަލު އަންނާނެ ކަމަށެވެ. އެކަމަކު ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު މާރުކޭޓުގައި ތަކެތީގެ އަގު އުފުލޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގްރިކަލްޗަ މިނިސްޓްރީގެ ދަށުގައި ހުރި ރަށްރަށުން ކާއްޓާއި ކުރުނބާ ހޯދަން ހުޅުވާލީ ހަމައެކަނި ރޯދަމަހަށެވެ.
މިނިސްޓްރީން ވަނީ ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ޓީ ޖެޓީ ސަރަހައްދުގައި ވެސް ގާއިމްކޮށްފަ އެވެ. އެ ގޮޅިތައް ދެނީ އަގަކާ ނުލަ އެވެ.