ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޗެއާޕާސަން އަކަށް ސައީދާ އުމަރު މިއަދު ހަމަޖައްސައިފި އެވެ.

އެ ބޭންކުގެ ޗެއާޕާސަންގެ މަގާމަށް ސައީދާ ހަމަޖައްސާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މިއަދުގެ ބައްދަލުވުމުގަ އެވެ.

ބީއެމްއެލްގެ އާ ޗެއާޕާސަން ސައީދާ މިހާތަނަށް އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އުފައްދާފައިވާ އިކޮނޮމިކް އެމްޕަވާމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރުކަމާއި އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓެންޓްގެ އިތުރުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވޯކިން ގްރޫޕްގެ ކޯ ޗެއާގެ މަގާމު ހިމެނެ އެވެ.

ސައީދާ ބީއެމްއެލްގެ ބޯޑަށް އައްޔަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. އޭނާ ބޯޑަށް އައްޔަން ކުރީ ސަރުކާރުގެ ފަރާތުންނެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޗެއާޕާސަން ކަމަށް ސައީދާ އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި ފަރީހާ ޝަރީފް ބީއެމްއެލްގެ ބޯޑުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ފަރީހާ ބޯޑުން ވަކިވެވަޑައިގަތީ ބޯޑުގައި ދެ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެވެ.

ބީއެމްއެލްގެ ބޯޑަށް ކުރިމަތި ނުލާނެކަން އަހަރީ އާންމު ޖަލްސާގައި ފަރީހާ އިއުލާނު ކުރެއްވުމާ ގުޅިގެން ހިއްސާދާރުން ވަނީ ސުވާލު ވެސް ކޮށްފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ އެއީ އަމިއްލަ ނިންމެވުމެއް ކަމަށެވެ.

މިހާރު ބީއެމްއެލްގެ ބޯޑު އެކުލަވާލާފައި ވަނީ ސަރުކާރުގެ ފަރާތުން އައްޔަން ކޮށްފައިވާ ހަތް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން ތަމްސީލުކުރާ ތިން ޑިރެކްޓަރުންގެ މައްޗަށެވެ.