އެސްޓީއޯގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އެލަވަންސްތައް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުޑަކުރަން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގައި ހާހެއްހާ މުވައްޒަފުން މަސައްކަތްކުރެ އެވެ.
އެ ކުންފުނީގެ މުވައްޒަފަކު ބުނީ އޭނާ މަސައްކަތްކުރާ ޑިޕާޓްމަންޓްގެ އިސްވެރިޔާ ވަނީ އެ މީހުންނާ ބައްދަލުކުރައްވައި އެލަވަންސްތައް ކުޑަކުރަން މެނޭޖްމަންޓުން ނިންމާފައިވާކަން އަންގައިފަ އެވެ. އަދި މަސައްކަތުގެ ގަޑި ކުޑަކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ރަސްމީ ގަޑިއަކީ ހެނދުނު 8:00ން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.
"މުވައްޒަފުންނާ ބައްދަލުކޮށް އެކަން އަނގަ ބަހުން އެކަން އެންގީ. އެކަމާ ގުޅޭ ލިޔުމެއް ނުދޭ. ބުނީ މިއީ ދާއިމީ ކަމެއް ހެނެއް ހިއެއްނުވެޔޭ. އެހެންވީމަ އެގޮތަށް ބަލައިގެން މަސައްކަތްކުރަން އެންގީ،" އޭނާ ބުންޏެވެ.
އެ މުވައްޒަފު ބުނީ އެލަވަންސްތައް ކުޑަކުރުމުން ބައެއް މުވައްޒަފުންނަށް މަހަކު ލިބޭ އާމްދަނީ 3،000ރ. އާއި 6،000ރ. އާ ދެމެދުގެ އަދަދެއް ކުޑަވެގެންދާނެ ކަމަށެވެ.
އެސްޓީއޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންގެ އެލަވަންސްތައް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
"އެސްޓީއޯއިން އޯވަރޯލް އެފިޝަންސީ އިތުރުކުރަން މަސައްކަތް ފަށައިގެން މިއުޅެނީ. އެގޮތުން މިހާރު މަސައްކަތުގެ ވަގުތު ކުޑަކުރީ އެސްޓީއޯ ހެޑް އޮފީހާއި ސާވިސް ދޭ ޑިޕާޓްމަންޓްތައް. އެއްވެސް މުވައްޒަފެއްގެ މުސާރައަކަށް ބަދަލެއް ނާދޭ. ވަގުތުކުޑަވީމަ އެއާ ގުޅިގެން ބައެއް އެލަވަންސްތައް ކުޑަވީ. އަދި މިގެންނަ ބަދަލާ ގުޅިގެން ވެސް އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ލެވެލެއްގެ މުވައްޒަފުންގެ އެލަވަންސްތަކަށް އެ ބަދަލު ގެނެސްފައިވާނެ ކަމަށެވެ.
"މިމަހުގެ މުސާރައަކަށް އެ ބަދަލެއް ނުގެންނާނެ. މި ބަދަލު ގެނައީ މަސައްކަތުގެ ވަގުތާ ގުޅުވައިގެން،" އޭނާ ވިދާޅުވި އެވެ.