އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ކުރީކޮޅެވެ. އުމުރުން އެންމެ 15 އަހަރުގައި ސްކޫލްގެ ޔުނީފޯމު ބެޖު ނައްޓާލައިގެން، އެ ޔުނީފޯމްގައި މަސައްކަތަށް ނުކުތީ، މަންމަ އާއި ހަތަރު ކޮއްކޮގެ މުސްތަގްބަލަށް ޓަކަ އެވެ. ކިޔަވަން ކިތަންމެ ޝައުގުވެރިކަމެއް ހުއްޓަސް، ވަޒީފާ އަށް ނުކުމެ، އޭރު އެވީ ގުރުބާނީގެ ބަދަލު އޭނާ އަށް މިއަދު ލިބިއްޖެ އެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ދުވަސްވީ ކުންފުނި، އެސްޓީއޯގެ އެންމެ ދުވަސްވީ، އަދި އެންމެ ޝަރަފުވެރި މުވައްޒަފެވެ. އުމުރުން 56 އަހަރުގެ އަބްދުﷲ ރަޝީދުގެ ވާހަކަ ފެށީ، މީގެ ސާޅީހަކަށް އަހަރު ކުރީގެ ހަނދާންތަކުންނެވެ.

އަބްދުﷲގެ އެންމެ ފުރަތަމަ ވަޒީފާ އަކީ އެސްޓީއޯއެއް ނޫނެވެ. އޭނާ ފުރަތަމަ އަދާކުރަނީ ހޯމް މިނިސްޓްރީގެ ވަޒީފާއެކެވެ. އެހެން ނަމަވެސް އެއަށް ވުރެ ބޮޑު މުސާރައެއް ބޭނުންވާތީ އަމިއްލަ އަށް އެދިގެން، އެސްޓީއޯ އަށް ބަދަލުވީ އެވެ. އެސްޓީއޯގެ ޕިއޯނެއްގެ ވަޒީފާ އަބްދުﷲ ފެށީ މުސާރައެއްގެ ގޮތުގައި އެންމެ 50ރ. އިންނެވެ. އޭނާ ބުނާ ގޮތުން އެއީ އޭރަށް ބަލާއިރު ހަމަ ރަނގަޅު މުސާރައެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް އެވަރުން ހަމަޖައްސާލެވެ އެވެ.

"އޭރުގައި ޕިއޯން ކަމުގެ އިތުރުން މާލޭގެ މަގުތަކުގައި ހުރި ބޮކިތައް ނިއްވުމާއި ދިއްލުމަކީ ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. ހެންވޭރުގެ 72 ބޮކި ކޮންމެ ދުވަހަކު ނިއްވައި ދިއްލަން އަޅުގަނޑު ޖެހޭ. ގާތްގަނޑަކަށް 45 މިނެޓް ފަތިހު ވެސް ހަވީރު ވެސް އެކަމަށް ހޭދަވޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު އެސްޓީއޯ ކާރުގައި:. އޭނާ އަކީ އެސްޓީއޯގެ އެންމެ އިސް ޑްރައިވަރު-- ފޮޓޯ: މިހާރު
އަބްދުﷲ ރަޝީދު އެސްޓީއޯ ކާރުގައި:. އޭނާ އަކީ އެސްޓީއޯގެ އެންމެ އިސް ޑްރައިވަރު-- ފޮޓޯ: މިހާރު

ޕިއޯންގެ މަސްއޫލިއްޔަތުތައް އަދާ ކުރި ނަމަވެސް، އޭނާ އޭރު ވެސް ވަރަށް ބޮޑަށް އެއްގަމު އުޅަނދުފަހަރު ދުއްވާ ހިތްވެ އެވެ. އެހެންވެ، ވަޒީފާގައި އުޅެމުން ކާރާއި ޕިކަޕާއި އެހެން ބައެއް ވެހިކަލްތަކުގެ ލައިސަންސް ނެގި އެވެ. މިކަން، އޭރުގެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަދި ބާރުގަދަ މިނިސްޓަރު އިިލްޔާސް އިބްރާހިމަށް އެނގިވަޑައިގެން އޭނާގެ ހާއްސަ ޑްރައިވަރުގެ މަގާމަށް އަބްދުﷲ ހަމަޖެއްސި އެވެ. އެސްޓީއޯގެ އެމްޑީގެ ޑްރައިވަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ކާރަށް އެރީ 1984 ވަނަ އަހަރު އެވެ. އެއަށް ފަހު އެސްޓީއޯ އަށް ވަޑައިގެން 10 އެމްޑީންގެ ވެސް ޑްރައިވަރަކީ އޭނާ އެވެ.

ދުނިޔޭގެ ބައެއް އިސްވެރިންގެ ވެސް ޑްރައިވަރު!

އަށްޑިހައިގެ ކުރީކޮޅު ރާއްޖެ އަށް ދުނިޔޭގެ ވެރިޔަކު ވަޑައިގަންނަ އިރު، އެންމެ ރަނގަޅު ކާރު ޑްރައިވަރުން ފުރާނާލަ އެވެ. އޭރު ގައުމުތަކުން އަންނަ ވެރިންގެ ހާއްސަ ޑްރައިވަރުންނެއް ނުތިބެ އެވެ. ދައުލަތުގައި ވެސް ރަނގަޅު ފެންވަރުގެ ވެހިކަލްތައް ހުންނަނީ ވަރަށް މަދުންނެވެ. އެސްޓީއޯ އަކީ އޭރު ވެސް ދައުލަތުގެ އެންމެ މުއްސަދި ކުންފުނިކަމުން އެންމެ ފެންވަރު ރަނގަޅު ވެހިކަލްތައް އޮންނަނީ ވެސް އެ ކުންފުނީގަ އެވެ. އަދި ގައުމަށް ހާއްސަ ބޭފުޅަކު ޒިޔާރަތްކުރައްވާ ކޮންމެ ފަހަރަކު އެސްޓީއޯގެ އުޅަނދުފަހަރު ބޭނުންކުރުން އެއީ އާންމު ކަމެކެވެ.

އަބްދުﷲ ރަޝީދު "މިހާރު" އާ ވާހަކަ ދައްކަނީ: އެސްޓީއޯގައި އޭނާ މަސައްކަތް ކުރާތާ 41 އަހަރު ވެއްޖެ--ފޮޓޯ: މިހާރު
އަބްދުﷲ ރަޝީދު "މިހާރު" އާ ވާހަކަ ދައްކަނީ: އެސްޓީއޯގައި އޭނާ މަސައްކަތް ކުރާތާ 41 އަހަރު ވެއްޖެ--ފޮޓޯ: މިހާރު

"ފޮރިން މިނިސްޓްރީން އެދިގެން އަޅުގަނޑު ގެންދޭ ރާއްޖޭގައި އޮންނަ ސާކް ސަމިޓްތަކަށް. ދެ ސާކް ސަމިޓްގައި ވެސް ވެރިން ޓްރާންސްޕޯޓް ކުރުމުގެ ކަންތައްތައް އެންމެ އިސްކޮށް ބެލެހެއްޓީ އަޅުގަނޑު،" އޭނާ ބުންޏެވެ.

އަބްދުﷲ ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަޑައިގަތް ހުރިހާ ވެރިން ކާރުތަކުގައި އުފުލައި ހަދައިދީފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ދަތުރަކަށް އޭނާ ފާހަގަކުރީ ފަލަސްތީނުގެ އޭރުގެ ރައީސް ޔާސިރު އަރަފާތު ރާއްޖެ ވަޑައިގެންނެވި ދުވަހެވެ.

"އެންމެ އުނދަގޫވީ ޔާސިރު އަރަފާތު ވަޑައިގަތް ދުވަސް. އެ ދުވަހު އަޅުގަނޑުމެންނަށް ކުޑަކޮށް ވެސް ނޭނގޭ ކާކު ކަމެއް އަންނަނީ ވެސް. އަޅުގަނޑުމެން އެ ދުވަހު ތިބީ މުލިއާގޭގައި 'ބަންދު'ކޮށްފައި. ޔާސިރު އަރަފާތު ނޫން ބޭފުޅުންގެ ފޮޓޯތައް ވެސް ފެންނަން ހުރި. އެހެންވެ ވަޑައިގަންނަވަނީ ސީދާ ކޮން ބޭފުޅެއްކަން އެންމެ ފަހު ވަގުތު ވެސް ނޭނގެ،" އޭނާ ބުންޏެވެ.

ޔާސިރު އަރާފާތު ވަޑައިގަތް ދުވަހު 10 ގަޑިއިރު ވަން ދެން ކާރުގައި ތިބެން ޖެހުނެވެ. އެ ދުވަހު ޔާސިރު އަރަފާތު އިންނެވި ކާރުކޮޅު ދުއްވީ ޑިފެންސް މިނިސްޓްރީންނެވެ. އަބްދުﷲ ދުއްވީ ޔާސިރު އަރަފާތާ އެކު ވަޑައިގެންނެވި ޑެލިގޭޓްގައި ހިމެނޭ ފަރާތްތަކުގެ ކާރުކޮޅުތަކެވެ.

އަބްދުﷲ ކާރު ސާފުކުރަނީ: އޭނާ އަކީ އެސްޓީއޯގެ އެންމެ އިސް ޑްރައިވަރު-- ފޮޓޯ: މިހާރު
އަބްދުﷲ ކާރު ސާފުކުރަނީ: އޭނާ އަކީ އެސްޓީއޯގެ އެންމެ އިސް ޑްރައިވަރު-- ފޮޓޯ: މިހާރު

މަސައްކަތުގައި ދެއްކީ ރީތި ނަމޫނާއެއް

އެހާ ކުޑައިރުން ފެށިގެން އެސްޓީއޯގެ ވަޒީފާ އަދާކުރި ނަމަވެސް، އޭރުން ފެށިގެން ވެސް އޭނާ އަންނަނީ މަސައްކަތުގައި ނަމޫނާ ދައްކަމުންނެވެ. އޭނާ ގަބޫލުކުރާ ގޮތުން ގަޑިއަކަށް ތަނަކަށް ދާން ޖެހިއްޖެ ނަމަ ކުރިއާލައި ދިއުން ވަރަށް މުހިއްމެވެ.

"އަޅުގަނޑާ ހެދި އެހެން ބަޔަކަށް ލަސް ނުވެވޭނެ ގޮތެއް ބަލަން. މިވީ 41 އަހަރުގެ ތެރޭގައި އެންމެ ދުވަހަކު ގަޑި ޖެހިފައެއް ނޯންނާނެ،" އޭނާ ބުންޏެވެ.

އަބްދުﷲއާ ހަވާލުކުރާ މަސައްކަތެއް ވީ އެންމެ ފުރިހަމައަށް ނިންމުމަށް ހާއްސަ އިސްކަމެއް ދެ އެވެ. އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މުހައްމަދު ހުސައިން މަނިކު ހުންނެވި ދުވަސްވަރު އޮފީހަށް ގެންދިއުމާއި ގެނައުމުގެ ހުރިހާ ކަމެއް އަބްދުﷲ ކުރި އެވެ. އާންމު ގޮތެއްގައި ދާން ޖެހޭ ތަނަށް ގަޑިޖެހުމުގެ 20 މިނެޓް ކުރިން ދެވޭތޯ އޭނާ އަބަދު ވެސް ބަލަ އެވެ.

"އޭރުގެ މާލޭގެ ޓްރެފިކް މިވަރަކަށް ނޯވޭ. އެހެންވީމަ ޓްރެފިކް އޮންނަ ގޮތަކަށް ބަލައިގެން މިހާރު އަވަސްކޮށް ވެސް ދަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ އެންމެ ދުވަސްވީ މުވައްޒަފުގެ ގޮތުގައި އޭނާ ހުރުމަކީ އޭނާ ބުނާ ގޮތުން ވަރަށް ބޮޑު ޝަރަފެކެވެ. އެއް ތަނެއްގައި، ގާތްގަނޑަކަށް އެއް މަސައްކަތެއްގައި ދެމިހުރެވިދާނެ ކަން އެއީ އޭނާ އަށް ކުރިން ހިކުރެވިފައި އޮތް ކަމެއް ނޫނެވެ. އޭނާ ބުނާ ގޮތުން، ކަމެއްގައި ދެމިހުރުމަށް އެންމެ މުހިންމީ އިހުލާސްތެރިކަމެވެ.