ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ ފައުންޑޭޝަން އަޅާފައި: އެތަނުގައި 300 އެޕާޓްމަންޓް ހިމެނޭ ހަ ޓަވަރު އަޅަން ވަނީ ނިންމާފައި. ފޮޓޯ: ސީ ލައިފް ގްލޯބަލް
17 އޮކްޓޯބަރ 2017 - 14:25
ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެތައް ބަޔަކު ޝަކުވާކުރި ނަމަވެސް ފުރަތަމަ ފިޔަވަހީގެ 300 އެޕާޓްމަންޓްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިޔަށް ނުގެންދެވި ލަސްވީ ލިބެން ޖެހޭ ހުއްދަތައް ނުލިބި ލަސްވެގެން ކަމަށެވެ. ނަމަވެސް ފުރަތަމަ ފިޔަވަހީގައި ހިމެނޭ 14 ބުރީގެ ތިން ޓަވަރުގެ ފައުންޑޭޝަން އެޅުމުގެ ހުއްދަ މިދިޔަ ޖޫން މަހު ލިބުމާ އެކު ފުރަތަމަ ޓަވަރުގެ ފައުންޑޭޝަން މިހާރު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖޫންގައި އަމަލީ މަސައްކަތް ފަށަން ހުއްދަ ދިނީ. މިހާރު އެހުރީ އެއް ޓަވަރު ފައުންޑޭޝަން އަޅާ ނިންމާފައި. ލަފާކުރެވެނީ ބާކީ ހުރި ދެ ޓަވަރުގެ ފައުންޑޭޝަން މަސައްކަތަށް އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް،" އަހުމަދު ވިދާޅުވި އެވެ.
ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކުރަނީ: އެތަނުގައި 300 އެޕާޓްމަންޓް ހިމެނޭ ހަ ޓަވަރު އަޅަން ވަނީ ނިންމާފައި. ފޮޓޯ: ސީ ލައިފް ގްލޯބަލް
އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން ޝައުގުވެރިވެގެން 280 މީހުން ބުކިން ފީ ދައްކާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މީހެއްގެ އަތުން 50،000ރ ނަގާފައިވެ އެވެ. އެހެންކަމުން ބުކިން ފީއަށް އެކަނި ވެސް 14 މިލިއަން ރުފިޔާ ސީލައިފް އަށް ވަނީ ދައްކައިފަ އެވެ.
އެކަމަކު މަސައްކަތް ލަސްވެގެން އޭގެ ތެރެއިން ބައެއް މީހުން ކެންސަލްކުރުމުން އެ ފައިސާ އަނބުރާ ހަވާލުކޮށްފައިވެ އެވެ.
އަހުމަދު ވިދާޅުވީ މިހާރު ބުކިން ހަދާފައިވާ ފަރާތްތަކަށް އަންނަ އަހަރުގެ ޑިސެމްބަރަށް ފްލެޓްތައް ނިންމައި ހަވާލުކުރެވޭނެ ކަމަށެވެ.
"މި މަސައްކަތް މިހާ ދިގުލައިގެން ދިޔައީ އަޅުގަނޑުމެންގެ ސަބަބަކުން ނޫން. އަޅުގަނޑުމެންނަށް ލިބެން ޖެހޭ އެކި ހުއްދަތައް ނުލިބި ދިގުލައިގެން ދިއުމުން މަސައްކަތް ނުފެށި ލަސްވީ. އެކަމަކު އަޅުގަނޑުމެންނަށް ހުއްދަ ލިބުމާ އެކު އެތަނުގެ ފުރަތަމަ ފިޔަވަހީގެ ތިން ޓަވަރުގެ ފައުންޑޭޝަން އަޅަން މަސައްކަތް ފަށައިފިން،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވި ގޮތުގައި ދެ ޝިފްޓަށް ބަހާލައިގެން ތިން ޓަވަރުގެ މަސައްކަތް ކުރިޔަށްގެންދަން ކޮންޓްރެކްޓަރު ވަނީ އެއްބަސްވެފަ އެވެ. އަދި މުޅި ޕްރޮޖެކްޓް ޖޫން 2019 ގައި ނިންމަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ ފައުންޑޭޝަން އަޅަން ކޮނެފައި: އެތަނުގައި 300 އެޕާޓްމަންޓް ހިމެނޭ ހަ ޓަވަރު އަޅަން ވަނީ ނިންމާފައި. ފޮޓޯ: ސީ ލައިފް ގްލޯބަލް
ހުޅުމާލޭގައި އެޕާޓްމަންޓާއި ޝޮޕިން މޯލާއި ފުޑް ކޯޓު ހިމެނޭ ގޮތަށް ހަދާ ސީލައިފް ކޮމްޕްލެކްސް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު ސޮއިކުރީ މާޗް 13، 2014ގަ އެވެ. އަދި އެތަނުގެ ބިންގާ ރައީސް އަބްދުﷲ ޔާމީން އަޅުއްވައިދެއްވީ އެ އަހަރުގެ އޭޕްރިލް މަހު އެވެ.
ސީލައިފް ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހީގެ ކޮންޓްރެކްޓަރަކީ ސްރީ ލަންކާގެ ކޮރަލް ހޮލްޑިން ކިޔާ ކުންފުންޏެވެ.
ސީލައިފްއިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ތިން ބްލޮކެއްގައި ޖުމްލަ 3،000 އެޕާޓްމަންޓް ހިމެނޭ 14 ބުރީގެ 18 ޓަވަރު އަޅަން ނިންމާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާނު
18 October 2017
ސީލައިފް އަކީ 2014 ވަނަ އަހަރު އުފައްދާފައިވާ ކުންުންޏެއް! ހުޅުމާލެ އިން 3000 ފްލެޓް އަޅަން ފުރުސަތު ލިބުނީ ކޮން ގޮތަކުން ކަން އިނގޭތޯ!! ކުންފުނީގެ ރައުސްމާލުގައި ކިހާވަރެއް ހުރެގެންތޯ އެ ބިންތައް ސަރުކާރުން ހަވާލުކުރީ. ކައްޗައް އެލުނު ފައުންޑޭޝަނަކުން ކެއްޗާހަމަޔައް ދިޔަ ޔަސް ހުންނާނީ ކައްޗަށޭ ބުނަނީ އެހެންވީމާ. ޑިޕޮސިޓް ފައިސާ ދެއްކި އެންމެން ފައިސާ އަނބުރާ ނެގުން ބުއްދިވެރި.
ޢަބްދުﷲނާފިޒު
18 October 2017
ފައުންޑޭޝަން އެޅިތާ ދެއަހަރު ބައި، ހުއްދަ ނުލިބިގެން އިމާރާތް ނުކުރެވިފަ، ފައިސާ ދެއްކި މީހުނަށް ހުރިހާ ލޮޓިއެއް، ޒިންމާ ވާނެ އެއްވެސް ފަރާތެއް ނެތް، ދެން ހުއްދަ ނުލިބުމުން ކުންފަންޏަށްވީ ގެއްލުމުގެ ޒިންމާ، ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކުން ނަގަން ނުޖެހިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.
ފިިނި ވައިރޯޅި
18 October 2017
ނިންމޭނެ ހަގީގީ ތާރީޚެއް ދެއްވަންވާނީ. 2018 އަށް ވުމަށްވުރެ ނުުވުން ގާތީ މަަސައްކަތް ދާ ގޮތަަަަަށް ބަލާފަ. %20 އިމާރާތުގެ ދައްކާފަ %20 ޕަސަންޓަށްވާ ފައިސާ ނަގާނެކަަމަށް ބުނުއްވީ. އެކަމަކު އިއްޔެ ގުޅާފަ ނޮވެމްބަރުގަ ފައިސާދައްކަން ވާނެކަަމަށް ބުނުއްވީ. ކިހިނެއްބާ މިވަނީ؟
އުނބުށެން
18 October 2017
ތިތާގައި ކުރެވޭ ކަމެއް އެބައޮތެވެ. ވަށައިގެން ޖަހާފައިހުރި ދިދަތައް ފީވެ ހަލާކުވީމާ އަލުން ދިދަ ޖަހައިފިއެވެ. ދެން ތިބުނާ ފައުންޑޭޝަނަކީ މީހުންގެ ލޮލުގައި އަނދުން އަޅުވަން ޖެހި މަޅިއެކެވެ. އެހެންޏާފަހެ އަމީންގެ ޓަވަރުތަކުން ފެށިގެން އާ ސަހަރާއާހަމައަށް ދީފައިވާކަމަށް އެބުނާ ގިނަ ބިންތަކުން ދެތިން އެޕާޓްމަންޓްގެ ބޮޑުމިނުގައި ތަންކޮޅެއްގައި އަދި ކިރިޔާ އެޅުނީ ފައުންޑޭޝަނެވެ. ފޮޓޯއަށް ބަލާލިޔަސް ތިތަނުގެ ސައިޒު އަންދާސާ ކޮށްލެވޭނެއެވެ. ކައިރިން ބަލާއިރު ދެތިން އެޕާޓްމަންޓްގެ ބޮޑުމިންވެސް އެބުނާ ބިންގާއެޅިތަންކޮޅުގައި ހުންނާނެ ކަމަކަށް ނުފެނެއެވެ. ތިތަން ހަދަން ހަދަން ތިއްބާ އެހެން ތަންތަން މިހާރު ހަދައި އެބަ ނިމެއެވެ. ތިބުނާ ހުއްދަ ވެސް ނުލިބެނީ ކުރަންވާގޮތަށް ކަންކަން ނުކޮށް އޮތީމައެވެ. އެހެން ކިޔައިގެން ބަހަނާ ދެއްކޭވަރަށްވުރެ މާގިނަ ދުވަސް ތިކަމަށް ނަގައިފިއެވެ. ހީވާގޮތުން ތިކަން ނުވެގެން އުޅެނީ ކަމާނުބެހޭ ދިވެއްސަކަށް ބައެއް ލިބޭގޮތަށް ކުރަންއުޅޭތީއެވެ.
ތަކުރު
18 October 2017
ސީލައިފަކީ އެއްވެސް ފައިނޭންޝަލް ޓްރެކް ރެކޯޑެއްނެތް ކުންފުންޏެއް. މަސައްކަތް ނުނިމެނީ ހުއްދަތައް ނުލިބިގެނެއް ނޫން. ކޮންޓްރެކްޓަރަށް ދޭނެ ފައިސާ ނެތިގެން. ދޮގު ވާހަކަ ނުދައްކާ.
ޙުއްބުލްވަޠަން
18 October 2017
އަހަރުމެން ގެ ބަޔަކުވެސް ތިތަނުން ބުކް ކުރި. އެދުވަހު މަށަށްވެސް ދެވުނު. އެދުވަހުވެސް މަގޭ ހިތަށް އެރި މިމީހުންނަށް މިކަން ވާނެހޭ. އެމީހުން ކައިރީގައިވެސް މަބުނިން ތިތަނަކަށް 2018 ގެ ސެޕްޓެމްބަރގައި ނުވަދެވޭނޭ. ފަހުން އެގުނު ގޮތުގައި އެޕާޓްމެންޓްގެ ސައިޒް ޑިޒައިންގައި ބޮޑު ކޮށްފީމޭ ކިޔާފައި ތިތަނުގެ އަގުވެސް ބޮޑުކޮށްފި. އަދި ތި އިމާރާތުގެ މަސައްކަތް %20 ނިމުނީމައި އެޕާޓްމެންޓްގެ ޖުމަލް އަގުގެ %20 މިމީހުންނަށް ދޭންޖެހޭ. ތީ ވަރަށް އެހެން ގޮތަކަށް ފެށިގެން އުޅޭ ކަމެއް. ތި ބަޔަކާއި ސަރުކާރަށް ދާޢީދުކުރާ މަޖިލިސް މެންބަރެއްވެސް ވަރަށް ގާތްގުޅުމެއް އޮވޭ. އެހެންކަމުން ވެދާނެ އެމީހުންނަށް ތި މަސައްކަތެއް ހަވާލުކުރީ. އެމީހުންނަށް އުއްމީދުކުރި ގޮތަށް ލޯން ތަކާއި އެހެން ކަންތައް ނުދިޔައީ. މާލީ އިދާރާތަކުން އެމީހުންނަށް އިތުބާރު ނުކުރީކަމަށް ބެލެވެނީ. ހުއްދަ ނުލިބިގެން ނޫން ތިކަމެއް ތިހާ ލަސްވީ. ޤުދުރަތުގެ ނިޒާމަކީ އެކަހަލަކަމެއް. އަބަދު އެއްވެސް ކަމެއް އެއްގޮތެއްގައި ނުއޮންނާނެ. ވަރަށްސަލާމް
ރެޓޭ
17 October 2017
ޕުރެޖެކްޓު މާބޮޑަށް އިޝްތިހާރަ ކުރަން ހަދައިގެން ތިޔަ ލައިފެއް މުޅިން އަތަކަށްނު ތިގޮވީ!
އަތްފުނާ
17 October 2017
ކަމެއް ދިމާވެދާނެ.ކެންސަލް ކުރި ބައެއް މީހުންގެ ފައިސާ އަނބުރާ ދިނުން އެއީ ސީލައިފްގެ ހުރި ހެޔޮ ސިފައެއް.
އުނބުށެން
18 October 2017
އެބުނާހެން ފައިސާ ދިން މީހަކު އަޅެ މިތާގައި އެކަން ބަޔާންކޮށްލަދީބަލަ.
ބޯކަޅޭ
17 October 2017
ތިތާގެ އޮފީސް މިހާރަކު ކުރިން ހުރިތަނަކުނެތް. ދިޔަތަނެއްވެސް ނޭގޭ. ފިލައިފި.
ކުޑަހުވަދޫ
17 October 2017
ވަރަށް އަވަަސްކަމަށް ބެލެވެނީ 4 އަހަރާ ގާތްވިއިރު އަދި އެންމެ ޓަވަރެއްގެ ފައުންޑޭޝަންނޭޅޭ